05 Apr 2015, 23:54
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އިތުރު ޕާކްތައް ހަދައި، މާ އިންދައި ޒީނަތްތެރި ކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިނިވަން ދުވަހާ ގުޅިގެން ދެ ޕާކެއް އިތުރުކުރަން ނިންމާފައިވާއިރު މާލޭގައި މިވަގުތު ހުރި ޕާކުތައް ޒީނަތްތެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާލޭގެ މަގުތައް ޒީނަތްތެރިކުރުމަށް މާ އިންދައި ހިތްހަމަ ޖެހޭ މާހައުލެއް ބިނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"މާލޭގެ އެކިސަރަހައްދުގައި އެކިކަހަލަ މާއިންދުން ވެސް އޮންނާނެ. ފިނިފެން މަލާއި އެކިކަހަލަ މާތައް އިންދުން އަޅުގަނޑުމެން ކުރިއަށްގެންދާނަން،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ފެންއަރުވާވަޑާން ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި އެންމެ ފުރިހަމަ ފެންއަރުވާ ވަޑާމަކަށް ވެގެންދާނީ، އެމްޓީސީސީގެ ފަރާތުން ޖުމްހޫރީ މައިދާނުގައި ތައްޔާރު ކުރާ ފެންއަރުވާ ވަޑާން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ގަޑިބުރު ކުރިން ހުރި ސަރަހައްދުގައި އިތުރު ގަޑިބުރެއް ހަދައި ރީތީ ޑިޒައިނެއްގެ ގަޑިއެއް ބެހެއްޓުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
ސިޓީ ޕާކާއި 'ބޮނޑިބަތް ޕާކު' ފަދަ ތަންތަނުގައި ހިންގާ ރެސްޓޯރެންޓުތައް ބަންދުކޮށް އެތަންތަނަކީ ހިތްފަސޭހަ ކުރަން ބޭނުންކުރާ ޕާކްތަކަށް ހަދާނެ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. އެތަންތަން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެކަން ނިމޭނެ ވަކި ދުވަހެއް ވިދާޅެއްނުވެއެވެ.
މޫދަށް އެރޭ ސަރަހައްދުތަކުގައި ފަސޭހަގޮތްތަކެއް އިންތިޒާމްކޮށްދީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަހައްޓާފައިވާ ސަވާތައް އާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ ވަށައިގެން ހަދާފައިވާ ތޮށިގަނޑާއި ސަހަރާތަކުގެ ފާރުތައް ފަދަ ތަންތަނުގައި ކުލަލައި ރީތިކުރާނެ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. މުޅި މާލެ ޒީނަތްތެރިކުރުމުގެ އެމަސައްކަތް މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26ގެ ކުރިން ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.