05 Apr 2015, 16:58
ނައިރޫބީ (އެޕްރީލް 5): ސޮމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައްޝަބާބް ޖަމާއަތަށް އަދަބު ދޭނެ ކަމަށާ އެޖަމާއަތުގެ ހަރުކަށި ފިކުރު ކެންޔާގައި ފެތުރުމުގެ ފުރްސަތު ނުދޭނެ ކަމަށް ކެންޔާގެ ރައީސް އޮހޯރޯ ކެންޔާޓާ ވިދާޅުވެއްޖެ އެވެ.
ކެންޔާގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ކެންޔާޓާ ވިދާޅުވީ އައްޝަބާބް ޖަމާއަތަށް ކެންޔާގެ ރައްޔިތުންނަށް ބިރު ނުދެއްކޭނެކަމަށާ އަދި އެޖަމާއަތުން ހިންގާ ޓެރަރިސްޓް އަމަލުތަކަށް ބިރުން ކެންޔާ ސަރުކާރު ފަހަތަށްވެސް ނުޖެހޭނެ ކަމުގައެވެ.
ކެންޔާޓާ މިމޭރުމުން ވާހަކަ ދެއްކެވީ ސޮމާލިޔާގެ އައްޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިންގެ ބަޔަކު ސަރަހައްދީ ރޮނގު ހުރަސްކޮށް މިދިޔަ ބުރާސްފަތި ދުވަހު ކެންޔާއަށް ވަދެގަނެ ކެންޔާގެ ގަރީސާ ޔުނިވާސިޓީއަށް ހަމަލާދީ އެޔުނިވަރސިޓީގެ 150 ދަރިވަރުން މަރާލުމާ ގުޅިގެންނެވެ. މިގަތްލުއާންމާ ގުޅިގެން ކެންޔާ ސަރުކާރުންވަނީ އައްޝަބާބް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައެވެ.
އައްޝަބާބް ޖަމާއަތަކީ އެޖަމާއަތުގެ މެންބަރުންގެ އަމިއްލަ ގައުމު ކަމަށްވާ ސޮމާލިޔާގައިވެސް ބަދަލު ހިފުމުގެ ރޫޙެއްގައި ކުށެއްނެތް އާންމުން މަރައި ބޮންގޮއްވައި ލޭއޮހޮރުވުން ހިންގަމުން ގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. ސޮމާލިޔާ ވީރާނާ ކޮށްލުމުގައި އައްޝަބާބް ޖަމާއަތުގެ ދައުރު ވަރަށްބޮޑުކަން ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައިވަނީ ހާމަވެގެން ގޮސްފައެވެ.
ތަކްފީރީ ވިސްނުމުގެ ޖަމާއަތެއްކަމަށްވާ އައްޝަބާބް ޖަމާއަތަކީ އެޖަމާއަތުން ގެންގުޅޭ ހަރުކަށި ފިކުރު ސޮމާލިޔާގެ މުސްލިމް ރައްޔިތުންގެ މައްޗަށް ބާރުގެ ބޭނުންކޮށްގެން ފަތުރަމުން ގެންދާ ހަނގުރާމަވެރި ޖަމާއަތެކެވެ. ނަމަވެސް އެޖަމާއަތުގެ ބާރު ސޮމާލިޔާގެ ވެރިރަށް މުގަދީޝޫ ގައި ކުޑަކޮށްލުމުގައި އެގައުމުގެ މިހާރުގެ ސަރުކާރުވަނީ ކާމިޔާބީތަކެއް ހޯދާފައެވެ.
ބޫކޫ ހަރާމް ސްޓައިލްގެ ޖަމާއަތެއް ކަމަށްވާ އައްޝަބާބް ޖަމާއަތުންވަނީ ކެންޔާގެ އިތުރު ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ޙަމަލާތައް ދީ ލޭއޮހޮރުވާނެ ކަމުގެ އިންޒާރުވެސް ކެންޔާ ސަރުކާރަށް ދީފައެވެ. (ނޫސްއެޖެންސީތައް)