05 Apr 2015, 16:01
ޖުމްހޫރީ ޕާޓީގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކުރައްވަން ނިންމަވާފައިވާކަން ސަން އަށް އެނގިއްޖެ އެވެ.
އެ ދެ މެމްބަރުން ވަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއެކު އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ބައިވެރިވެވަޑައިގެންފަ އެވެ. ޕީޕީއެމަށް ސޮއި ކުރައްވާނަންތޯ ޝަހުދީ އާއި އަބުޅޯއާ ސުވާލު ކުރުމުން، ޖަވާބެއް ނުދެއްވި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ދެ މެމްބަރުން ޕީޕީއެމަށް ގުޅިވަޑައިގަތުމަށް ނިންމާފައިވާ ކަމަށާއި "ވަރަށް އަވަހަށް އެކަން ވެގެންދާނެ" ކަމަށެވެ.
"ވަރަށް ހާއްސަ ބޮޑު ސެރެމަނީއެއްގައި އެދެ މެމްބަރުން ޕީޕީއެމާ ގުޅޭނެ،" ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ވަރަށް ގާތް ގުޅުމެއް އޮންނަ މަޖިލިސް މެމްބަރު ވިދާޅުވި އެވެ.
އެ ދެ މެމްބަރުންނާއެކު މިއަދު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ "ވަރަށް އަވަހަށް ވާނެ، އިންޝާﷲ" މި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޖޭޕީ މެމްބަރު އަބްދުﷲ ރައީސް ޔާމީންގެ ކެމްޕެއިން ޖޯޒީއެއްގައި މިއަދު ހަވާލުވަނީ-- ސަންފޮޓޯ
މެމްބަރު އަބުޅޯ "ސަން"އަށް ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގަތުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އަދި ހާމަ ކުރަން ބޭނުފުޅު ނުވާ ކަމަށެވެ.
ޕީޕީއެމް މެމްބަރުންނާއެކު ދަތުރުގައި ބައިވެރިވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އަބުދުﷲ ވިދާޅުވީ "އަޅުގަނޑު ޒުވާނުންނާ ގުޅުންހުރި ކަން ކަމަށް އެއްބާރުލުން ދޭން ބޭނުންވާތީ ބައިވެރިވީ،" ކަމަށެވެ.

ޖޭޕީ މެމްބަރު ޝަހުދީ ރައީސް ޔާމީންގެ ކެމްޕެއިން ޖޯޒީއެއްގައި މިއަދު ހަވާލުވަނީ-- ސަންފޮޓޯ
ޕީޕީއެމާ ގުޅުމާ ގުޅޭ ގޮތުން މެމްބަރު ޝަހުދީ ވިދާޅުވީ "މި އުޅެނީ ދަތުރެއްގެ މަތީގައި ތިކަމަށް އެއްވެސް އެއްޗެއް އަދި ބުނަން ބޭނުމެއް ނޫން" ކަމަށެވެ.