21 Feb 2011, 18:16
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އުފައްދާފައިވާ ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދިނުމަށާއި އިދާރީ ކަންކަން ކުރުމަށްޓަކައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފައްދަން ޖެހޭ ކައުންސިލްތަކުގެ އިދާރާތައް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ލާމަރުކަޒީ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންކުރާ ކައުންސިލްތަކުގެ އިދާރާތައް އުފެއްދުމާ ގުޅިގެން، އަތޮޅު ކައުންސިލްތައް ނިސްބަތްވާ އިދާރީ ދާއިރާތަކުގައި އަތޮޅު އޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސްތައް ހިނގަމުންދާނީ އަތޮޅު ކައުންސިލްތަކުގެ އިދާރާތަކުގެ ނަމުގައި ކަމަށާއި ރަށު ކައުންސިލްތައް ނިސްބަތްވާ އިދާރީ ދާއިރާތަކުގައި ރަށު އޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސްތައް ހިނގަމުންދާނީ ރަށު ކައުންސިލްތަކުގެ އިދާރާތަކުގެ ނަމުގައި ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވުމުން، އެއް ރަށު އޮފީހަށްވުރެ ގިނަ ރަށު އޮފީސްތައް ހުރި ރަށްރަށުގެ ރަށުއޮފީސްތަކަކީ، އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލްގެ އިދާރާގެ ބައެއްކަމުގައި ވެސް ރައީސް ވަނީ ނިންމަވައިފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ފުވައްމުލަކުގެ 8 އަވަށުން އިންތިޚާބުކޮށްފައިވާ ރަށު ކައުންސިލްތަކުގެ އިދާރާއަކީ މިހާރު ފުވައްމުލަކުގައި ހުރި، ފުވައްމުލަކު ރަށުއޮފީސް ކަމަށްވެސްވަނީ ކަނޑައަޅުއްވައިފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އުފެއްދުމުން، އައްޑުއަތޮޅު އަތޮޅުއޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސް ހިނގަމުންދާނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި ކަމަށްވެސްވަނީ ހަމަޖައްސަވައިފައެވެ. އަދި، އައްޑުއަތޮޅުގެ ރަށުއޮފީސްތަކުގެ ނަމުގައި ހިނގަމުންދާ، ސ. ހުޅުދޫ އޮފީހާއި، ސ. މީދޫ އޮފީހާއި، ސ. ހިތަދޫ އޮފީހާއި، ސ. މަރަދޫ އޮފީހާއި، ސ. މަރަދޫފޭދޫ އޮފީހާއި، ސ. ފޭދޫ އޮފީހަކީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވައިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ އުފެއްދެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުން، މާލޭ މުނިސިޕަލްޓީ ހިނގަމުންދާނީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައިކަމަށްވާތީ، މާލޭ މުނިސިޕަލްޓީގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކަކީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ކަނޑައަޅުއްވައިފަ އެވެ.