05 Apr 2015, 16:48
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާންއާ ދެކޮޅަށް ފޭސްބުކްގައި މީހަކު ލިޔުނު ލިއުމަކަށް ލައިކް އެއް ދިން ނޫސްވެރިއަކު 23 މަސް ދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ތުރުކީގެ ހުއްރިއްޔަތު ދުވަހުނޫހުން ބުނީ ޖަލު ހުކުމެއް އައީ އެގައުމުގެ ދެކުނުގައިވާ ގައިޒިއަންތަޕް ޕްރޮވިންސްގެ ނޫހެއްގައި މަސައްކަތްކުރާ ޔާޝަރު އަލްމާ ނަމަކަށް ކިޔާ ނޫސްވެރިއަކަށް ކަމަށެވެ.
އަލްމާއާ ދެކޮޅަށް ކޯޓުން ފުރަތަމަ އިއްވީ 28 މަސްދުވަހުގެ ޖަލުހުކުމެކެވެ. ނަމަވެސް އަދަބު ފަހުން ލުއިކޮށް، އަދި އޭނާގެ ޖަލު ހުކުމް 23 މަސް ދުވަހަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެހުކުމް ތަންފީޒު ކުރާނީ ފަހުން ކަމަށް ވެސް ވަނީ ނިންމާފައެވެ.
"... ރައީސް އާ މެދު ކޮށްފައިވާ ކޮމެންޓެއް އެއް ދުވަހަކު އަހަރެންނަށް ފެނިގެން އަހަރެން ހަމަ ލައިކް ބަޓަން ބޭނުންކޮށްލީ. އޭގެ ބައިގަޑިއިރު ފަހުން އަހަރެން އެ ނައްތައިލިން. އެކަމަކު ފުލުހުން އައިސް، އަދި ކޯޓުގައި އޮތް ދެވަނަ އަޑު އެހުމުގައި އަހަރެންގެ މައްޗަށް ވަނީ ކުށް ސާބިތުކޮށްފައި،" އަލްމާ ބުނި ކަމަށް ނޫހުގައި ވެއެވެ.
އަލްމާއާ ދެކޮޅަށް ތުރުކީ ސަރުކާރުން ދައުވާކޮށްފައި ވަނީ "ރައްޔިތުންގެ ޚާދިމަކަށް ފުރައްސާރަ ކުރި" ކަމަށް ބުނެއެވެ.
އަލްމާއާ ދެކޮޅަށް ހިންގި ޝަރީއަތަށް ރައީސް އުރުދުޣާންގެ ވަކީލުވެސް އެއް ފަހަރު ހާޒިރުވެވަޑައިގެންނެވި ކަމަށް ނޫހުގައި ވެއެވެ.
އަލްމާގެ ވަކީލު ދިލްބާ ދެމިރަލް ބުނެފައި ވަނީ އޭނާއަށް އައި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.