05 Apr 2015, 14:02
މާލެ އާއި ހުޅުމާލެ ގުޅުވާލަ ދޭ ބުރިޖުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓުރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވޭއިރު މަސައްކަތް ފަށާތާ ދެ އަހަރު ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"ޗައިނާ އާއި ދިވެހި ސަރުކާރުން ވެސް ދެ ސަރުކާރުން ލަފާކުރަނީ މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ބުރިޖުގެ ޑިޒައިން މަސައްކަތް މިހާރު ކުރަމުންދާއިރު ޖޫން މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އެ މަސައްކަތް މިއަދު ވެސް ކުރަމުންދާއިރު ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ޗައިނާގެ 50 ތަޖުރިބާކާރުން ރާއްޖެ އައިސް އެ ދިރާސާގައި ބައިވެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ތަޖުރިބާކާރުން 10 ދާއިރާއަކުން ދިރާސާތައް ކުރަމުންދާއިރު މިއަދު މާލެ އާއި ފުނަދޫ އާއި ދޭތެރެ އާއި ފުނަދޫ އާއި ހުޅުލޭގެ އިތުރުން ހުޅުލެ އާއި މާލެ އާއި ދޭތެރޭގައި އޮއިވަރުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް ޗައިނާގެ ޓީމްތަކުން ރާއްޖެ އައިސް ވަނީ ބްރިޖްގެ ސާވޭތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެފަހަރު ސާވޭކޮށްފައި ވަނީ ބްރިޖު އެޅުމަކީ ފީޒިބަލް ކަމެއްތޯ ބެލުމަށެވެ.
މުއިއްޒު ވިދާޅުވީ ބުރިޖު އެޅޭނެތޯ ނުވަތަ ނޫންތޯ ދެން ދިރާސާ ނުކުރައްވާނެ ކަމަށާއި ބުރިޖު މިފަހަރު އަޅާނެ ކަމަށެވެ.