ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޔޮޓު ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު އެމްޑީޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް ޖާބިރު މިއަދު ފޮނުއްވި ސިޓީގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަން ބޭނުންނުވާތީ މިއަދުން ފެށިގެން ޕާޓީގެ މެމްބަރުކަމުން އުނިކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގަތީ ކީއްވެގެންތޯ ސަން އިން ދެންނެވުމުން ޖާބިރު ވިދާޅުވީ އޭނާ ހުންނަވާނީ "އަބްދުﷲ ޖާބިރުގެ ގޮތުގައި" ކަމަށާއި އޭނާ ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޓީ އޮންނާނީ ޑެލިވަރީވެފަ. އެމްޑީޕީގެ މެމްބަރެއް ނޫން މިހާރުން ފެށިގެން އަޅުގަނޑަކީ. އަޅުގަނޑު ހުންނާނީ އަބްދުﷲ ޖާބިރު ގޮތުގައި. އަޅުގަނޑު ތާއީދު ކުރާނީ ރައީސް ޔާމީންގެ ސަރުކާރަށް،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީ ވިޔަސް އަދި ކޮންމެ ބަޔަކު ވިޔަސް މަސައްކަތް ކުރަންޖެހޭނީ ގައުމުގެ ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ކަމަށާއި، ޓޫރިޒަމް ބޮއިކޮޓު ކުރުމަށް ގޮވާލުމަކީ އޭނާ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ތިބޭ ޕާޓީގެ އައިޑެންޓިޓީ އޮޅޭ ހިސާބަށް ދާކަށް އަޅުގަނޑުމެނަށް ނުޖެހޭނެ ނޫންތޯ. އަޅުގަނޑުމެނެއް ބޭނުމެއް ނުވާނެ ދެއްތޯ އަޅުގަނޑުމެންގެ ޓޫރިޒަމް، އެ މައްޗަށް އަޅުގަނޑުމެންގެ މުޅި ރިޒުގު އަޅުގަނޑުމެން ބިނާކޮށްގެން މިތިބޭ ވިޔަފާރިތައް ބަނގުރޫޓުވާކަށް. އަޅުގަނޑަކީ ރާއްޖެއަށް އިންވެސްޓުކޮށްގެން އުޅޭ މީހެއް. ޓޫރިޒަމް ބޮއިކޮޓު ކުރުމާއި މިކަހަލަ މިކަހަލަ ވާހަކައަކީ އަޅުގަނޑުމެން ގަބޫލުކުރާ ވާހަކައެއް ނޫން އެއް އިރެއްގައި ވެސް،" ޖާބިރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތަށް އަބަދުވެސް އޭނާ ތާއީދުކުރާ ކަމަށާއި ރާއްޖޭގެ ވެރިކަން "ދުވާލަލު ދެފަހަރު ވެއްޓުމަކީ ގަބޫލުކުރާނެ ކަމެއް ނޫން" ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"އަނެއްކާ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ އަބްދުﷲ ޔާމީނަކީ ނުލާހިކު ރަނގަޅަށް އެކަން ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް. އަނެއްކާ އެބޭފުޅާގެ އިގްތިސޯދީ ސިޔާސަތަކީ އަބަދުވެސް އަޅުގަނޑު ތާއީދު ކުރާ ސިޔާސަތެއް. ރާއްޖޭގެ ވެރިކަން ދުވާލަކު ދެފަހަރު ވެއްޓޭނެ ކަމަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރާނަން،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރާއްޖެ ސިންގަޕޫރު ފެންވަރަށް ތަރައްގީ ކުރުމަށް ކަމަށާއި އެމަނިކުފާނަކީ މީހުން "ވިދާޅުވާކަހަލަ ވިޔާނުދާ ކަންތައް ކުރާނެ ބޭފުޅެއް ނޫން" ކަމަށެވެ.

"ރައީސް ޔާމީން އެހެރީ ވެރިކަމަށް ހޮވިފަ. އެބޭފުޅާގެ ދައުރުގައި އެބޭފުޅާ ވަރަށް ސާބިތުކަމާއެކު އެކަން ކުރަންޖެހޭނެ. ވަރަށް ރަނގަޅަށް ރައްޔިތުންނަށް ކަންކުރަމުންދާކަން އަޅުގަނޑަށް އެނގެނީ. އަޅުގަނޑުވެސް ވަރަށް ގާތުން ދަންނަ ބޭފުޅެއް ޔާމީނަކީ. އެބޭފުޅާ އަކީ ތިޔަ ވިދާޅުވާ ވިޔާނުދާ ކަންތައްތައް ކުރާނެ ބޭފުޅެއް ނޫން. ރާއްޖޭގެ ރައްޔިތުންނަށް ހެވާ ލާބަޔާ، ރާއްޖެ ސިންގަޕޫރު ކަހަލަ ގައުމެއްގެ ގޮތުގައި ތަރައްގީ ކުރައްވަން އެބޭފުޅާ އެ މަސައްކަތް ކުރައްވަނީ،" ޖާބިރު ވިދާޅުވި އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. އޭގެފަހުން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.