ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީން މިއަހަރު އެ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި 57 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

އޮލިމްޕިކްސް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ލަފާ ކުރާ ބަޖެޓު ފާސްކޮށްފައި ވަނީ ޖަލްސާގެ އަޣްލަބިއްޔަތުން ކަމަށް އެ ކޮމިޓީ ވަނީ ބުނެފަ އެވެ. ބަޖެޓްގެ ޖުމްލަ އަދަދަކީ 57،741،469.34 ރުފިޔާ އެވެ.

ޖަލްސާ ނިމުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ކޮމިޓީން ބުނީ ބަޖެޓުގެ ބޮޑު ބައެއް ކަނޑައެޅިފައި ވަނީ އޮލިމްޕިކް ހައުސްއަށް ކަމަށާއި އެގޮތުން މިއަހަރު އޮލިމްޕިކް ހައުސް އަށް 41 މިލިއަން ކަނޑައަޅާފައިވާ ކަމަށެވެ. އެ ބަޖެޓު ބަހާފައި ވަނީ ތިން ބަޔަކަށް ކަމަށް ކޮމިޓީން ބުންޏެވެ.

މިދިޔަ އަހަރު ވެސް ކޮމިޓީގެ ބަޖެޓުގެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ އޮލިމްޕިކްސް ހައުސް އަށެވެ. މިދިޔަ އަހަރު އޮލިމްޕިކް ހައުސް އެއް އިމާރާތް ކުރުމަށް ކުރެހުންތައް ތައްޔާރުކޮށްފައިވެ އެވެ.

އޮލިމްޕިކް ހައުސް އެއް އިމާރާތް ކުރުމަށް ވަކި ކަހަލަ ސަރަހައްދެއް ބޭނުންވާ ކަމަށާއި އެތަނެއް ލިބުމުން އެތަނުގެ މަސައްކަތް މިއަހަރު ތެރޭ ފަށާނެ ކަމަށް ކޮމިޓީން ވަނީ ބުނެފަ އެވެ. އެތަނަށް ބޭނުންވާ ބިމެއް ލިބޭނޭ ކަމުގެ ޔަގީންކަން ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާފަ އެވެ.

އެ ކޮމިޓީ އިން ބުނީ ވޭތުވެ ދިޔަ އަހަރަކީ އެ ކޮމިޓީން އެންމެ ގިނަ މަސައްކަތް ކޮށްފައިވާ އެންމެ ބުރަކޮށް ނިމިގެން ދިޔަ އެއް އަހަރު ކަމަށެވެ.