05 Apr 2015, 14:17
ބްރައިޑް މޯލްޑިވްސްގެ "ފިލިޕްސް ބްރައިޑް ފެއާ" 26 ސްޓޯލާ އެކު ރޭ ދަރުބާރުގޭގައި ފަށައިފި އެވެ.
ހަތް ޑިޒައިނަރެއްގެ ތަފާތު އެކި ޑިޒައިންތަކުގެ ވެޑިން ހެދުމާއި ކުދަކުދިންގެ ހެދުންތައް ހިމެނޭ އެ ފެއާގައި ޑިޒައިނަރުންގެ ހެދުން ކަލެކްޝަންތަކުގެ އިތުރުން ކައިވެނި ހަފްލާތަކުގެ ހެދުމާއި ކޭކާއި ފައިވާނާއި ބޫޓާއި ގަހަނާ އާއި މޭކަޕްގެ ސާމާނު ވެސް މި ފެއާގެ ސްޓޯލްތަކުން ގަންނަން ލިބޭނެ އެވެ
އާ ޑިޒައިނަރުންނާއި ބްރައިޑަލް ވިޔަފާރީގައި އުޅޭ ހުނަރުވެރި ފަރާތްތަކަށް އެ ހުނަރު އިޝްތިހާރުކޮށް މާކެޓް ކުރުމަށް ހުޅުވާލާފައިވާ މި ފުރުސަތަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ފެއާ އެވެ. އެގޮތުން މިއަހަރުގެ ފެއާގައި ބައިވެރިވާ ފަރާތްތަކާއި އެ ފަރާތްތަކުން ވިއްކާ ތަކެތީގެ އަގުތަކަށް ބަލާލާނަމެވެ.
ބްރައިޑުގައި ހުންނަ ރީފްސައިޑްގެ ސްޓޯލުގައި ބަހައްޓާފައި ވަނީ ޓައިޓަން އަތުކުރީ ގަޑި އާއި ނިކޯން ކެމެރާގެ އާ ދެ މޮޑެލެކެވެ. ކެމެރާގެ އަގުތައް 12،000 ރުފިޔާއިން ފެށޭއިރު، އަތުކުރީ ގަޑީގެ އަގުތައް ފެށެނީ 600 ރުފިޔާއިންނެވެ. އެގޮތުން ރީފްސައިޑުގެ ސްޓޯލުން ކުރާ ކޮންމެ ވިޔަފާރިއަކަށް ވައުޗަރެއް ލިބެ އެވެ.
ތިން ވަނަ ފަހަރަށް މި ފެއާގައި ބައިވެރިވާ "ވެޑިން ބްރައިޑަލް ބުޓީކް" ގެ ހެދުންތަކުގެ އަގުތައް އުޅެނީ 3000 ރުފިޔާއިން ފެށިގެންނެވެ. އަދި ވެޑިން ކޭކެއްގެ އަގު އުޅެނީ 1000 ރުފިޔާ އިން ފެށިގެނެވެ. އަދި ފެއާގައި ބައިވެރިވާ މޭކަޕް ސާމާނު ވިއްކާ ސްޓޯލަކީ އޭއެމްޑީސީގެ ސްޓޯލެވެ. "ރެވްލޯން" ބްރޭންޑްގެ މޭކަޕް ސާމާނު އެކި އަގުތަކުގައި ވިއްކާ މި ސްޓޯލުން 10 ޕަސެންޓަށް ޑިސްކައުންޓު ލިބެ އެވެ.
ފެއާގައި އަލަށް ބައިވެރިވި ސްރީލަންކާގެ ވެޑިން ޑްރީމްސް އިން ހެދުންތައް ވިއްކާނީ 1،700 ރުފިޔާ އިން ފެށިގެން އެކި އަގުތަކުގަ އެވެ. ފާއިތުވި ދެ އަހަރު ވެސް ބްރައިޑް ފެއާގައި ބައިވެރިވި ޕޯޓްރެއިޓް އަލްބަމުގެ ސްޓޯލަކީ ވެޑިން ފޮޓޯ ޕެކޭޖާއި ފޮޓޯ ޕްރިންޓް ކުރުމުގެ ހިދުމަތް އިޝްތިހާރު ކުރާ ސްޓޯލެކެވެ.
ބްރައިޑް ފެއާ 2015 ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފެއާ ކުރިއަށްދާ މުއްދަތުގައި ކަސްޓަމަރުންނަށް ވަނީ ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ފެއާ ކުރިއަށްދާނީ ރޭގަނޑު 8:00 އިން ފެށިގެން 11:30 ގެ ނިޔަލަށެވެ.