05 Apr 2015, 12:43
އާޓްސް ދާއިރާ ކުރިއެރުވުމާއި ތަރައްގީކުރުމާބެހޭ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު މެމޯރަންޑަމް އޮފް އަންޑަރސްޓޭޑިންގ އެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު އެވެ. އަދި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެގްޒެކެޓިވް ކޮންސަލްޓަންޓް މުޙައްމަދު ޝިޔާމްއެވެ.
މިއަދު ސޮއިކުރެވުނު މި އެމްޔޫގެ ދަށުން ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އާޓްސް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރާވާ ހިންގުމަށް ދެފަރާތުން ދެވެން ހުރި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އާޓްސް އާ ގުޅުންހުރި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ދެފަރާތް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.
މީގެއިތުރުން މިޔުޒިކް ޕްރެކްޓިސް ރޫމެއް ގާއިމްކޮށް އެތަނުގައި މިޔުޒިކް ޕްރެކްޓިސް ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި ޕްރެކްޓިސް ކުރުމަށް ބޭނުންވާ ސާމާނާއި އެހެނިހެން ތަކެތި ހޯދުމުގެ އިތުރުން ދެފަރާތް ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގައި އިންސާނީ ވަސީލަތްތަކާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ދެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި ފުލުހުން ގުޅިގެން ހިންގާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ތަކެތީގެ އެހީ ހޯދުމަށްޓަކައި ސްޕޮންސަރ ހޯދުމަށް ދެފަރާތް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.
އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް އާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.