05 Apr 2015, 12:26
މިސްކިތްތަކުގައި ނިދާނަމަ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވާނެ ކަމަށް އިސްލާމިކް މިނިސްޓުރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކަޓަރީ މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ނިދުމަކީ މަނާ ކަމެއް ކަމަށެވެ. ނަމާދަށް ގޮސް އިންދާ "ތާއްޔާ" ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް "ކަމާ ކަން ފަށައި" ނިދުމަކީ މަނާ ކަމެއް ކަމަށް ދީދީ ވިދާޅުވި އެވެ.
މިސްކިތުގައި މީހުން ނިދާތީ އެކަން ހުއްޓުވުމަށް ދެގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެފަދަ ފަރާތްތަކަށް ނަސޭހަތް ދީގެން އެކަން ހުއްޓުވުމަށާއި ނަސޭހަތް ދިނުމުން އެކަން ނުހުއްޓާ ފަރާތްތަކުން ފުލުހުންނަށް ރިޕޯޓްކޮށްގެން ވެސް ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ މީހަކު ކަށަވަރުކޮށް އެގޭނަމަ އެމީހަކު މިނިސްޓުރީއަށް ގެނެސްގެން ނަސޭހަތް ދިނުމާއި މިސްކިތަކީ ހުރުމަތްތެރިތަނަކަށްވާތީވެ އެހުރުމަތް ކަނޑާނުލާ އެކަހަލަ ކަންކަން ނުކުރުމަށް އަޅުގަނޑުމެން ނަސޭހަތްތެރިވަން،" ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ މިހާތަނަށް ނަސޭހަތް ދީގެން މިސްކިތުގައި ނިދާބައެއް ފަރާތްތަކުން އެކަން ހުއްޓާލާފައި ވެސްވާ ކަމަށެވެ. އަދި މިހާރު ވެސް އިމާމުން މެދުވެރިކޮށް ނަސޭހަތް ދެމުން އަންނަ ކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ މިސްކިތްތަކުގައި ނިދުން މަނާކޮށްފައި ވަނީ ރާއްޖެއަކީ މީހުން ދިރިއުޅޭ ގެތައް މިސްކިތްތަކުގެ ކައިރީގައި ހުންނަ ގައުމަކަށް ވުމާއި މިސްކިތްތަކުގައި މީހުންނަށް ނިދުމަކީ މަޖުބޫރުވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.