މިހާރު ކުރިއަށްދާ މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީފައިނަލުން އެސްޓީއޯ އާއި ޓީމް ފެނަކައާއި އެމްއޭސީއެލް އަދި އެލައިޑް ޖާގަ ހޯދައިފި އެވެ.

މާފަންނު ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ ސެމީން އެސްޓީއޯ ޖާގަހޯދީ، ހޮނިހިރު ދުވަހު ހަވީރު ކަސްޓަމް ރެކްރިއޭޝަން ކްލަބާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި އޮތުމުން ޕެނަލްޓީ ޖަހައިގެން 3-2 ކުރިހޯދައިގެންނެވެ. އެސްޓީއޯގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އިމްރާން، މުހައްމަދު ޔަފާއު އަދި އަލީ ނާސިހް އެވެ. ކަސްޓަމްސްގެ ޕެނަލްޓީތައް ކާމިޔާބުކުރީ، މުމްތާޒް އަބްދުއްރަޝީދާއި އަހްމަދު އަބްދުﷲއެވެ.

ޓީމް ފެނަކައާއި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ވަރުގަދަ އެމްޕީއެލް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ދެޓީމް އެއްވަރުވުމުން އެމެޗުގެ ނަތީޖާ ވެސް ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ފެނަކަ އެ މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. ފެނަކައިގެ ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް އާއި ޔަސްފާދު ހަބީބެވެ. އެމްޕީއެލްގެ ޕެނަލްޓީ ކާމިޔާބުކުރީ ހަސަން އަދުހަމް (ސަޑޭ) އެވެ.

އެމްއޭސީއެލް ސެމީން ޖާގަ ހޯދީ، ކްލަބް އެމްއާރުޑީސީ އަތުން 2-0 އިން މޮޅުވެގެންނެވެ. އެމްއޭސީއެލްގެ ލަނޑުތައް ޖަހައިދިނީ، އަލީ ހައިޝަމް (ޗަމްޕު)އާއި ހުޝަމް އިބްރާހީމެވެ.

ސްޓެލްކޯއާ ވާދަކޮށް އެލައިޑުން މެޗު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ސްޓެލްކޯގެ ލަނޑުތައް ޖަހައިދިނީ އިލްޔާސް އިބްރާހީމް (އިލޭ)އާއި އަލީ މާއިޝްއެވެ. އެލައިޑަށް ލަނޑު ޖަހައިދިނީ މުހައްމަދު ރިއްފަތާއި އަބްދުﷲ މުއާޒް، އަދި އިސްމާއީލް ޝަފީއުއާއި ހުސައިން ސަވީލްއެވެ.

އަންނަ ހުކުރު ދުވަހު ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޓީއޯ ބައްދަލުކުރާނީ ޓީމް ފެނަކަ އާއެވެ. އަދި ދެވަނަ ސެމީގައި ވާދަކުރާނީ އެމްއޭސީއެލް އާއި އެލައިޑް އިންޝުއަރެންސްގެ ޓީމެވެ.

ސަރުކާރު އޮފީސްތަކާއި އަމިއްލަ އަދި އާންމު ކުންފުނިތައް ހިމެނޭ ގޮތަށް ޖުމުލަ 36 ޓީމަކުން ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދަނީ 9 ގްރޫޕަކަށް ބަހާލައިގެންނެވެ.