ކްލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ މައިލޯ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުން ކްލަބްތައް ޖާގަހޯދައިފިއެވެ. ސެމީން ޖާގަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ޕޮލިސް ކްލަބާއި، އެސްޓީއޯއާއި ކްލަބް އިމިގްރޭޝަން އެވެ.

މުބާރާތުގެ ސެމީން ފުލުހުން ޖާގަ ހޯދީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ވާދަކޮށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު އެ މެޗުގައި ޕޮލިސް ކްލަބްގެ ކަތުން ސަބީނާ ހެޓްރިކެއް ހަދައިފައިވާއިރު އެޓީމުގެ އިތުރު ލަނޑުތައް ޖަހައިދިނީ، އާމިނަތު ފަޒުލާ (ފަޒޫ) އާއި މަރިޔަމް މުހައްމަދު (މަޔަން) އާއި އަގީލާ ހާމިދު (އާގި)އެވެ.

ސެމީ ފައިނަލުގެ ޖާގައެއް ސިފައިން ހޯދީ، ކުއާޓާގައި ފެނަކައާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ. ސިފައިންގެ ކްލަބްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް ރިފާ (ރިފާ) އާއި އައިޝަތު މައީސާ (މައީސާ) އެވެ.

ކްލަބް އިމިގްރޭޝަނުން ސެމީގެ ޖާގައެއް ހޯދީ، ކުއާޓާގައި އެމްއޭސީއެލްއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އެމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިމިގްރޭޝަނަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހު ހާފުގައި ފަދުވާ ޒާހިރު (ޗެނޭ) އެވެ.

އެސްޓީއޯއިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ހުކުރު ދުވަހު ހަވީރު އޭޑީކޭ ސިނަޖީއާ ވާދަކޮށް 1-1 އިން މެޗުގެ ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 1-0 އިން ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާތަކާއެކު އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގައި އެސްޓީއޯއާ ވާދަކުރާނީ ކްލަބް އިމިގްރޭޝަން އެވެ. އަދި ދިވެހި ސިފައިންގެ ކްލަބާ ވާދަކުރާނީ ޕޮލިސް ކްލަބެވެ.

މި މުބާރާތް ތިން ވަނަ ފަހަރު ހޯދުމަށް ދިވެހި ސިފައިންގެ ކްލަބުން އަޒުމުކަނޑައަޅާފައިވާއިރު، 2013 އަދި 2014 ވަނަ އަހަރުގެ މުބާރާތް އެ ކްލަބުން ކާމިޔާބުކުރީ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކުރުމަށްފަހުއެވެ.