05 Apr 2015, 11:11
މިދިޔަ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރެކޯޑު އަދަދަކަށް ދިވެހި އެތުލީޓުން ބައިވެރިވި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ ބައިނަލް އަގުވާމީ މުބާރާތްތަކުގައި ގިނަ އަދަދަކަށް ދިވެހި ކުދިން ބައިވެރި ކޮށްފައިވާއިރު ބައިނަލްއަގުވާމީ މިންގަނޑަށް ވީހާވެސް ގިނައިން އަންހެން ކުޅުންތެރިން ވެސް ބައިވެރި ކޮށްފައިވާނޭ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ތާރީހުގައި ބައިނަލްއަގުވާމީ ބޮޑެތި ކުޅިވަރުގެ މުބާރާތްތަކުގައި އަޅުގަނޑުމެން މި ވަނީ ހަމަ ރެކޯޑު އަދަދަކަށް އެތުލީޓުން ބައިވެރި ކުރުވާފައި. އަދި އެތުލީޓުން ބައިވެރި ކުރުމުގައި ވެސް ހަގީގަތުގައި އޮލިމްޕިކް ކޮމިޓީ އިން ވެސް ވަރަށް ބޮޑަށް ބައްލަވާފައިވޭ މިހާރު އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އެހެން ނޫނީ އެންމެ އެދެވޭ މިންގަނޑަށް ވީހާ ގިނައެއް ކޮށް އަންހެން އެތުލީޓުން ބައިވެރި ކޮށްފައިވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" މަލީހު ވިދާޅުވި އެވެ.
ރަނގަޅު ފެންވަރުގެ ގިނަ އެތުލީޓުންތަކެއް މުބާރާތުގައި ބައިވެރި ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދަކަށް އަންހެން އެތުލީޓުން ބައިވެރި ކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި އެކަންތައްތައް ފާހަގަކޮށްފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.
ރާއްޖޭގެ ކުޅުންތެރިން އިތުރަށް ރަނގަޅުކޮށް ކުޅިވަރުގެ އެސޯސިއޭޝަންތައް ބާރުވެރި ކުރުވުމަށް މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ކުޅިވަރަކަށް ބޭނުންވާ އެރީނާތައް ހެދުމަށް މަސައްކަތްތަކެއް ކުރާ ކަމަށެވެ.