ރާއްޖޭގައި ސަފީރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމުން އިންޒާރުތައް ލިބިވަޑައިގެންނެވި ކަމަށް ބަންގްލަދޭޝްގެ ސަފީރެއްގެ ގޮތުގައި ރާއްޖޭގައި ކުރިން ހުންނެވި ސެލީނާ މުހުސިން ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރައިބިއުން އަށް ލިއުއްވި ލިއުމެއްގައި ސެލީނާ ވިދާޅުވެފައި ވަނީ އިންޒާރުތައް ލިބުނީ ވަޒީފާދޭ މީހުންގެ ފަރާތުން ކަމަށެވެ. ސެލީނާގެ އެ ލިޔުއްވުމަކީ ދާދިފަހުން ރާއްޖޭގައި މަރައިލެވުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާހީން މިއާ އާއި ތޮއްޑޫގައި ބަންގްލަދޭޝް މީހަކު މަރުވެފައި އޮއްވައި ފެނުނު ހާދިސާއާ ބެހޭ ގޮތުން ލިއުއްވާފައިވާ ލިއުއްވުމެކެވެ.

ލިއުއްވުމުގައި ސެލީނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ޕާސްޕޯޓްތައް އެ މީހުން ހުންނަނީ އެ މީހުންނަށް ވަޒީފާ ދޭ މީހުންގެ އަތުގައި ކަމަށެވެ. ޕާސްޕޯޓްތައް އެ މީހުންނަށް އަނބުރައި ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވައި އޭގެ ތެރެއިން ބައެއް މީހުންނަށް ޕާސްޕޯޓް ހޯއްދަވައި ދެއްވުނު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"...ގުޅިގެން ކުރި މަސައްކަތްތަކުން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއެކު ބައެއް ޕާސްޕޯޓްތައް ހޯދައި، މުސާރަތައް ދެވުނު. ވަޒީފާ ދޭ މީހުން ލިއުންތެރިޔާއަށް ބިރު ދެއްކި. ހައި ކޮމިޝަނަރެއްގެ ގޮތުގައި އަދި ޑިޕްލޮމެޓިކް ކޯގެ ޑީންއަކަށް ހުރި އޭނާއަށް ފުލުހުންގެ ހިމާޔަތް ހޯދަން ޖެހުނީ ކުށެއް ނެތް މަސައްކަތްތެރިންނަށް އިންސާފު ހޯދައިދޭން އެދުނީމާ،" ސެލީނާ ލިއުއްވާފައި ވެއެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންނާ މެދު ވަރަށް ބޮޑަށް ބޭއިންސާފު ކުރާ ކަމަށް އޭނާގެ ލިއުއްވުމުގައި ވިދާޅުވެފައި ވެއެވެ. ވިދާޅުވެފައި ވަނީ އެމީހުން ދިރިއުޅެނީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ކަމަށެވެ.