ގާހިރާ (އެޕްރީލް 5) : ޔަމަންގެ މައްސަލާގައި ގަލްފުގެ އަރަބި ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެ ގައުމުތަކަށް މިސްރުގެ އެހީތެރިކަން ލިބޭނެ ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ހަތިޔާރު އެޅި ލަޝްކަރުތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސީސީ ވިދާޅުވީ މިސްރުން ގަލްފުގެ އަރަބިގައުމުތައް ދޫކޮށް ނުލާނެ ކަމަށާއި އެ ގައުމުތަކަށް އެހީތެރިވުމުގައި މިސްރު ދެމިއޮންނާނެ ކަމަށެވެ. މިސްރަކީ ޔަމަންގެ ވެރިކަމަށް އަތްގަދަކުރަން މަސައްކަތްކުރާ ޙޫޘީ ޖަމާއަތާ ދެކޮޅަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލާފައިވާ ކޯލިޝަންގައި ހިމެނޭ ގައުމެކެވެ.

މިކޯލިޝަނުން ހޫޘީންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގައި ކަނޑުގެ މަގުން މިސްރު ބައިވެރިވާ ކަމަށް ސައޫދީން ބުނެ އެވެ. ނަމަވެސް ވައިގެ މަގުން ޙަމަލާތައް ދިނުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވަނީ ސައޫދީ ވައިގެ ސިފައިންނެވެ. ޔަމަނަށް އެއްގަމު މަގުން އަރަން ޖެހިއްޖެ ޙާލަތެއްގައި މިސްރުގެ ސިފައިންގެ ބޭނުން ސައޫދީންނަށް ޖެހޭނެ ކަމުގެ އިޝާރާތްތަކެއް ސައޫދީ އަސްކަރީ މަސްއޫލުވެރިން ވަނީ ދެއްވާފަ އެވެ.

ސީސީ މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު މީގެކުރިން ދެއްވި ބަޔާނެއްގައި ސީސީ ވަނީ މިސްރު ސިފައިންނަކީ ހަމައެކަނި މިސްރުގެ ޙިމާޔަތާއި ދިފާޢުގައި ތިބި ބައެއް ކަމަށާއި އެހެން ގައުމުތަކުގެ ޙިމާޔަތުގައި މިސްރު ސިފައިން ހަރަކާތްތެރިނުވާނެ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ.

އެބަޔާނުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ ލީޑަރުންނަށް މާޔޫސް ކަން އިހްސާސްވެފައިވާ ކަމަށް ޚަބަރުތައް ބުނާއިރު ގަލްފުގެ ގައުމުތަކުގެ ސިޔާސަތާއި މިސްރުގެ ސިޔާސަތާ ދެމެދު ގިނަ މައްސަލަތަކެއްގައި ފުށުއެރުންތަކެއްހުރިކަން މުޙައްލިލުން ފާހަގަ ކުރައްވަ އެވެ.

ޔަމަންގެ މައްސަލާގައި ގަލްފުގެ އަރަބި ގައުމުތަކަށް އެހީތެރިވާނެ ކަމަށް ވިދާޅުވެ ސީސީ ވާހަކަ ދެއްކެވީ އޭނާ ކުރިން ދެއްވި ބަޔާނުގެ ސަބަބުން ގަލްފުގެ އަރަބި ގައުމުތަކުގެ ލީޑަރުން ކަންބޮޑުވެ ވަޑައިގެންފައިވާތީ އެކަން ނައްތާލުމުގެ ގޮތުން ކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެއެވެ. ގަލްފުގެ އަރަބި ގައުމުތަކުން ގެންދަނީ ސީސީގެ ވެރިކަމުގެ ނިޒާމަށް ސިޔާސީގޮތުން ތާއީދުކޮށް މާލީ ގޮތުން ބޮޑެތި އެހީތަކެއްވަމުންނެވެ. (ރޮއިޓާސް)