05 Apr 2015, 02:20
އިނގިރޭސި ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާ އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައި ވާއިރު، ސްޓޯކް ސިޓީއާ ވާދަކޮށް 2-1 ލަނޑުން މޮޅުވެ ޗެލްސީ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
މި ދެ މެޗުގެ ނަތީޖާއާއެކު ޕްރިމިއަ ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ 70 ޕޮއިންޓާއެކު އެވެ. އަދި ތިން ވަނައިގައި 62 ޕޮއިންޓާއެކު ޔުނައިޓެޑް އޮތްއިރު، ތާވަލުގެ ދެވަނައިގައި 63 ޕޮއިންޓާއެކު މިހާރު އޮތީ އާސެނަލްއެވެ. 61 ޕޮއިންޓާއެކު ހަތަރު ވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، 54 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ ލިވަޕޫލް އެވެ.

އެންޑަ ހެރޭރާ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން 7 ލަނޑުގެ ތެރެއިން 5 ލަނޑު ކާމިޔާބުކޮށްފައި ވަނީ 2015 ވަނަ އަހަރު -- ފޮޓޯ: ބީބީސީ
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑްގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކުރީ އެންޑަ ހެރޭރާއެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ވޭން ރޫނީ އެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ޑެލީ ބްލައިންޑްގެ އެހީތެރިކަމާއެކު ޔުނައިޓެޑަށް ވިލާގެ ގޯލް ހުޅުވާލަދިނީ ހެރޭރާއެވެ. އަދި އެންޖަލް ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި 79 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ރޫނީ އެވެ.

ވޭން ރޫނީ މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު އަށް މެޗުގައި ހަ ލަނޑު ޖަހާފައިވޭ -- ފޮޓޯ: ބީބީސީ
ޔުނައިޓެޑް ދެ ލަނޑަށް ލީޑު ފުޅާކުރިތާ މިނިޓެއްގެ ތެރޭގައި ވިލާއަށް ލިބުނު ކޯނަރަކުން ޖޯ ކޯލް ޔުނައިޓެޑްގެ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައި ވިލާއަށް ނަތީޖާ ހަނިކޮށްދިނީ ކްރިސްޓިއަން ބެންޓެކޭއެވެ. އެހެން ނަމަވެސް ފަހު ހާފުގެ އިތުރު ވަގުތުގައި ހުއާން މަޓާގެ އެހީތެރިކަމާއެކު އިތުރު ލަނޑެއް ކާމިޔާބުކޮށް ހެރޭރާ ވަނީ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އެޝްލީ ޔަންގު ވަނީ، އޭނާ އެސްޓަން ވިލާއަށް ކުޅުނު 193 މެޗުގައި 39 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި -- ފޮޓޯ: ބީބީސީ
ހޮނިހިރު ދުވަހުގެ ރޭ ސްޓެމްފޮޑް ބްރިޖްގައި ސްޓޯކް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީއެވެ. ސްޓޯކްގެ ފިލިޕް ވޮލްޝީޑް އެޓީމުގެ ޕެނަލްޓީ އޭރިޔާތެރޭން ޗެލްސީގެ ސެސް ފަބްރިގާސްއަށް ފައުލުކުރުމުން ލިބުނު ޕެނަލްޓީ ގޯލް ތެރެއަށް ފޮނުވާލީ އެޑެން ހަޒާޑެވެ.
މިއީ ހަޒާޑް ޕްރިމިއަ ލީގުގައި ދަމަހައްޓަމުން އަންނަ 100 ޕަސެންޓް ޕެނަލްޓީ ރެކޯޑްގައި ކާމިޔާބުކުރި 9 ވަނަ ޕެނަލްޓީއެވެ. އަދި ޗެލްސީގެ 100 ވަނަ ޕްރިމިއަ ލީގު ޕެނަލްޓީ އެވެ. ޗެލްސީއަށް ވުރެ ގިނައިން ލީގުގައި ޕެނަލްޓީ ކާމިޔާބުކޮށްފައި ވަނީ، 102 ލަނޑާއެކު ލިވަޕޫލްއެވެ.

އެޑެން ހަޒާޑް ވަނީ އޭނާ ޗެލްސީއަށް މިހާތަނަށް ޖަހައިދިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައި -- ފޮޓޯ: ބީބީސީ
ޗެލްސީ ލީޑުނެގިތާ ފަސް މިނިޓްތެރޭ ވަރަށް ރީތި ލަނޑެއް ކާމިޔާބުކޮށް ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޗާލީ އެޑަމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ، ވިލާ ހާފުތެރެއިން ބޯޅަ ހޯދައި ގާތްގަނޑަކަށް 65 ޔާޑު ދުރުން ފޮނުވާލި ބޯޅަ ޗެލްސީގެ ގޯލް ކީޕަރު ތިބައުޓް ކޯޓްވާ ބޯމަތިން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މި ސީޒަންގައި ފެނިގެން ގޮސްފައިވާ އެންމެ މޮޅު ލަނޑުކަމަށް ގިނަބަޔަކު އެއްބަސްވާނެ އެވެ.

ޗާލީ އެޑަމް އޭނާގެ އަމިއްލަ ހާފުތެރޭގައި ހުރެ ޗެލްސީ ގޯލަށް ބޯޅަ ވައްދާލުމުން އެޓީމު ކުޅުންތެރީން އޭނާއަށް މަރުހަބާކިޔަނީ -- ފޮޓޯ: ބީބީސީ
މެޗުގައި ދެވަނަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައި ދިނީ، މި މެޗުގައި ހުނަރުވެރި ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލޮއިކް ރެމީއެވެ. ލަނޑު ޖެހުމުގައި ރެމީއަށް އެސިސްޓް ކޮށްދިނީ ހަޒާޑެވެ.

ލޮއިކް ރެމީ: މިރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި -- ރޮއިޓާސް ފޮޓޯ: ޑެއިލީ މެއިލް
މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ އެސްޓަން ވިލާ މިހާރު އޮތީ 28 ޕޮއިންޓާއެކު ލީގު ތާވަލުގެ 16 ވަނައިގައެވެ. އަދި ޗެލްސީ އަތުން ބަލިވެ 42 ޕޮއިންޓާއެކު ސްޓޯކް އޮތީ 10 ވަނަައިގައެވެ.
ހޮނިހިރު ދުވަހު ޕްރިމިއަ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އާސެނަލް ވަނީ 4-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައެވެ. އެވަޓަން ވަނީ 1-0 އިން ސައުތެމްޓަން އަތުން މޮޅުވެފައެވެ. ލެސްޓާ ސިޓީ 2-1 އިން ވެސްޓްހޭމް ބަލިކޮށްފައި ވާއިރު، ސްވަންސީ ސިޓީ ވަނީ 3-1 ހަލް ސިޓީ އަތުން މޮޅުވެފައެވެ. އަދި ވެސްޓްބްރޮމްގެ އަމިއްލަ ދަނޑުގައި އެޓީމު ވަނީ 4-1 އިން ކިއުޕީއާރު އަތުން ބަލިވެފައެވެ.