21 Feb 2011, 17:20
ސްޓެލްކޯގެ އިންޖީނަކުން ގިނަ އަދަދަކަށް ތެޔޮ ބޭރުވީ "އޯވާ ފްލޯ" ވެގެން ކަމަށް އެކުންފުނިން ބުނެފި އެވެ.
ސްޓެލްކޯގެ އިންޖީނިއަރު އިބްރާހިމް ރައޫފް މިއަދު ވިދާޅުވީ ތެޔޮ ޓޭންކްތަކަށް ތެޔޮ އަޅާއިރު އަބަދުވެސް ކޮންމެ ވެސް ވަރަކަށް ތެޔޮ ލީކުވަމުންދާ ކަމަށެވެ. އަދި އިއްޔެ ވެސް ތެޔޮ އަޅަނިކޮށް އޯވާ ފްލޯވެގެން ތެޔޮ ލީކްވި ކަމަށާއި ނަމަވެސް އެހާ ގިނަ ތެޔޮ ބޭރު ނުވާ ކަމަށް ރައޫފް ވިދާޅުވި އެވެ.
އިއްޔެ ތެޔޮ ލީކްވުމާ ގުޅިގެން އެ މައްސަލައިގައި އިހްމާލުވާ ފަރާތްތަކުގެ ބަޔާނެއް ނަގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައޫފް ވިދާޅުވީ އެގޮތަށް ބިންމައްޗަށް ތެޔޮ ލީކް ނުކުރުމަށް އަބަދު ވެސް ހުރިހާ މުވައްޒަފުންނަށް އަންގާ ކަމަށާއި އަދި އެގޮތަށް އެ މުވައްޒަފެއްގެ އަތުން އެކަހަލަ ކަމެއް ވެއްޖެ ނަމަ ރިކޯޑަށް ޓަކައި އެ މުވައްޒަފެއްގެ ބަޔާން ނަގާ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް އެކަހަލަ ކަމެއް ވެއްޖެ ނަމަ ރިކޯޑަށް ޓަކައި އެކަން ކުރަން" ރައޫފް ވިދާޅުވި އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސަން އަށް މަޢުލޫމާތު ދިން މީހަކު ބުނީ، އިއްޔެ އެ ހާދިސާ ހިނގަން މެދުވެރިވީ އެކަން ބަލަހައްޓަން ތިބި މުވައްޒަފުންގެ ފަރުވާ ކުޑަކަމުން ކަމަށެވެ. އަދި ތެޔޮ ބޭރުވީ އިންޖީނު ބަހައްޓާފައި ހުރި ޕްލެޓް ފޯމްގެ މައްޗަށް ކަމަށާއި އެއިން ސަލާމަތްކުރެވުނީ 12 ފީފާގެ ތެޔޮ ކަމަށެވެ.
އޭނާ ބުނީ 60 ފީފާ ވަރުގެ ތެޔޮ ބިމަށް އެޅުނު ކަމަށާއި އެހާ ގިނަ އަދަދެއްގެ ތެޔޮ އެއްފަހަރާ ލީކްވުމުން ވަރަށް ބޮޑު ގެއްލުމެއް ސްޓެލްކޯއަށް ލިބުނު ކަމަށް ވެސް އެމީހާ ބުންޏެވެ.