ރާއްޖޭގެ އެއްވެސް ޖަލެއްގައި ނުވަތަ ގޮޅިއަކަށް ލާފައި ޑިމޮކްރެސީ ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ޑިމޮކްރެސީ ފަރިތަކަމާ އެކު ފެތުރެމުން އަންނަކަން ސާބިތު ހެއްކާއެކު ފެންނަމުން އަންނަ ކަމަށެވެ.

"ޔަގީންވެގެން މިދިޔައީ ދިވެހި އެއްވެސް މައެއްގެ ބަނޑުގައި އަޅައި ވިހާފައިވާ ޑިމޮކްރެސީއެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި، އެއްވެސް ޖަލެއްގައި، އެއްވެސް ގޮޅިއެއްގައި ނެތްކަން،" ނިހާން ވިދާޅުވި އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މެނިފެސްޓޯގައިވާ ވައުދުތައް ފުރިހަމަވަމުން އަންނަ ކަން މިއަދު މިދަނީ ސާފުވަމުން ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ މިއަދު ފެނިގެން މިދަނީ ވާދަވެރި ސިޔާސީ ޕާޓީގެ ތެރެއަށް ބަޔަކު ވަދެ އެ ޕާޓީ ހަލާކުކޮށްލާ މަންޒަރު ކަމަށެވެ. އަދި އެއީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރ. އަލިފުށީ ކައުންސިލްގެ ބައި އިލެކްޝަނަށް އިޝާރާތް ކުރައްވައި މުއާޒު ވިދާޅުވީ އެ އިންތިޚާބުގައި ޕީޕީއެމް އަށް ތާއީދު ކުރެއްވި ފަރާތްތަކަށް ރައީސް ޔާމީން ޝުކުރުއަދާ ކުރައްވާފައިވާ ކަމަށެވެ.