04 Apr 2015, 23:25
ނާސާއިން ބުނެފައިވާ ގޮތުން މި އަހަރަކީ ވަރަށް ހާއްސަ އަހަރެކެވެ. ފަލަކީ އިލްމުގައި ގަރުނުގައި ހިނގާނެ، ވަރަށް މުހިންމު ކަމެއް މި އަހަރު ދުނިޔެއަށް ފެންނާނެ އެވެ. އެއީ ދުނިޔޭގެ ފަސްގަނޑުގައި ހިނގާ ކަމެއް ނޫނެވެ. އެ ކަމަކީ ޖައްވާއި ފަޒާއާ ގުޅިފައިވާ ނިޒާމުގައި ހިނގާ ކަމެކެވެ. އެއީ އަހަރެމެންގެ ލޯތައް ދަމައިގަންނަ ފަދަ އެތައް ނަލަ ކުލަތަކެއް ފެންނަ ހަނދު ކޭތަ އެވެ.
އެންމެ ކުޑަ ވަގުތުކޮޅަކަށް ހިފާނެ ކަމަށް ބުނާ ހަނދުކޭތަ މިރޭ ދުނިޔެއަށް ދައްކައިފި އެވެ. އެ ހަނދުކޭތަ ނާސާ އަށް ވެސް ހާއްސަވާ ކަމަކީ ގަރުނެއްގެ ތެރޭގައި ދުނިޔެއަށް އެންމެ ކުޑަ އިރުކޮޅަކަށް ހިފާފައި ހުންނަ ހަނދުކޭތަ އަށް މިރޭ ހިފި ހަނދުކޭތަ ވާތީ އެވެ. ރާއްޖެ ގަޑިން އިރުއޮއްސި 6:15 ކަންހާއިރު ހަނދުކޭތަ ހިފި އިރު އެ މަންޒަރު ބަލާލަން މާލޭގެ ރާޅުގަނޑު ސަރަހައްދަށް އެތައް ބަޔަކު ތިބީ އެ މީހުންގެ "މަސްނުވީ ލޯތައް" ހިފައިގެން ނަފްސީތައް ބިންދާލާށެވެ. ގޭގޭ ބެލްކަނި ތަކާއި ޓެރެސްތަކުގައި ވެސް އެ ހަނދު ބަލަން އެހާ ފޯރި ނެގި އެވެ. އަތޮޅުތެރޭ ގޮނޑުދޮށްތަކުގައި ވެސް ހަމަ ގުރޫޕު ހަދާފަ އެވެ.
ގާތްގަނޑަކަށް 6:00 ހާއިރު ރާޅުގަނޑު ސަރަހައްދު، ހެލިޕޭޑަށް އެތައް ބަޔަކު އެއްވި އެވެ. ރީތި ފުސް ރަތްކުލައެއްގައި ހަނދު އަރަމުން އައި އިރު ގިނަ ބަޔަކު ތިބީ ހަނދުން ބައެއް "ހައިޑް ވޭތޯ" ބަލަބަލަ އެވެ. ހަނދުކޭތަ އަކަށް ގިނަބަޔަކަށް ގަބޫލުކުރެވެނީ އެގޮތަށް ހަނދުގެ ބައެއް ގެއްލުމުންނެވެ.
އިރުއޮއްސި އުދަރެސް މަތިން ރަތްވިލާތައް އުފެދެން ފެށި އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަނދުން ކުޑަ ސަރަހައްދެއް ގެއްލިފައިވާކަން އެނގެން ފަށައިފި އެވެ. ހަނދުކޭތައިގެ ފުރިހަމަ މަންޒަރު އިސާހިތަކު ފެންނަން ފެށި އެވެ. އެތައް ބަޔަކު އެ ވަގުތު އެ ސަރަހައްދަށް އެއްވެފައިވާ އިރު، ގިނަ ބައެއް އެ ހާއްސަ ހަނދުކޭތައާއެކު ނަގާފައިވާ "ނަފްސީތަކުން" ދިޔައީ ފޭސްބުކް ފަޅުފިލުވަމުންނެވެ.

މާޗް 19، 2011: ސުޕަމޫން ބަލަން ބަޔަކު ހުޅުމާލޭގައި-- ސަން ފައިލް ފޮޓޯ
ލޯބިވެރިން އެ ހާއްސަ ވަގުތުކޮޅުގެ އުފާ ހޯދަނީ އެވެ. އަތުގައި ހިފައިގެން "ރޮމޭންޓިކް" ވެފަ އެވެ. މައިން އެ މީހުންގެ ދަރިންނަށް އެއީ ކޮން މަންޒަރެއްކަން ކިޔައި ދެނީ އެވެ. ފޮޓޯ ގްރާފަރުން އެ މީހުންގެ މަސްއޫލިއްޔަތު އަދާ ކުރަނީ އެވެ. އަނެއް ބަޔަކު ބޮޑަތި ޓެލެސްކޯޕް ހިފައިގެން އެ މަންޒަރު ތަނުގައި ތިބި ގިނަ ބަޔަކަށް މަންޒަރު ދައްކުވައި ދެނީ އެވެ. މާތް ރަސްކަލާންގެ ކުޅަދުންވަންތަކަން ދެކި، އިރުއޮއްދެމުންދާ އެ ހިތްގައިމު ވަގުތުކޮޅުގެ އުފާވެރި މަންޒަރު ފެނުމުން އެތައް ބަޔަކު ތިބީ އުފަލުން ފޮޅިފަ އެވެ.
އެ ހާއްސަ ހަނދުކޭތަ ފެނުމަކީ ނަސީބެކެވެ. އުމުރު ދުވަހުގައި ފެންނާނެ ފަހު ކޭތަކަށްވީމަ އެވެ. މި ގަރުނުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިފި ހަނދުކޭތައަށްވީމަ އެވެ. އެ ހަނދުކޭތަ ފެނުނު މީހުންނަށް އެއީ ޝަރަފެކެވެ.
މިހާތަނަށް ރެކޯޑު ކުރެވުނު އަދަދުތަކުގެ ތެރެއިން އެންމެ ކުޑަ ވަގުތުކޮޅަކަށް ހަނދުކޭތައެއް ހިފާފައި ވަނީ 1529 ގަ އެވެ. އެ ފަހަރުގެ ކޭތަ އެއް މިނެޓާއި 42 ސިކުންތަށް ދެމިގެން ދިޔަ ކަމަށް ނާސާ އިން ބުނެ އެވެ. ނިއު ޔޯކްގައި އުޅޭ މީހުންނަށް ހަނދުގެ ކުލަ ބަދަލުވާ މަންޒަރު ފުރިހަމައަށް ފެނުނު އިރު ކޭތަ އެންމެ ބޮޑަށް ފެނުނީ އޭޝިއާ އާއި އޮސްޓްރޭލިއާ އާއި އެމެރިކާ އަދި ޕެސިފިކް ސަރަހައްދަށެވެ.
ރާއްޖެއަށް ފެނުނު ހަނދުކޭތަ ވީއްލަނީ-- ސަން ފޮޓޯ/ އަލީ ނަސީރު
ކޮންމެއަކަސް އެ ހާއްސަ ހަނދުކޭތަ މިރޭ ހިފީ އެވެ. ނާސާއިން ބުނާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު 28 ވަނަ ދުވަހު ވެސް އެފަދަ "ބްލަޑް މޫން" ހަނދުކޭތަ އެއް ހިފާނެ އެވެ. ސެޕްޓެމްބަރު މަހުގެ ކޭތަ ހިފާ ނިމުމުން "ޓެޓްރަޑް ސީރީޒް" އެއް ހަމަވާނެ ކަމަށް ނާސާ އިން ބުނެއެވެ. ޓެޓްރަޑް ސީރީޒް އަކީ އާދަޔާ ހިލާފު ކޭތަ ހިފުމަށް ދެވިފައިވާ ނަމެކެވެ. ނާސާއިން ބުނާ ގޮތުގައި 2032 ގައި ވެސް އެފަދަ ސީރީޒެއް ހިނގާނެ އެވެ.