ފ. ނިލަންދޫއިން އަތޮޅުގެ ރަށްރަށަށް މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފަސޭހަ ބޯޓު އެ އަތޮޅު މަގޫދޫ ފަޅުން ނިކުންނަނިކޮށް އެރަށު ކައިރީ އޮތް ފަރަކަށް އަރައިފި އެވެ.

ބޯޓުގެ ދަތުރުވެރިއަކު 'ސަން' އަށް ބުނީީ މިއަދު 5:00 އެހާކަންހާއިރު ނިލަންދޫއިން ފުރައިގެން އެކި ރަށްރަށަށް ދަތުރު ކުރަމުން ގޮސް މަގޫދޫގައި ޖެއްސުމަށް ފަހު ފަޅުން ނިކުތުމުގެ ތެރޭގައި ބޯޓު ފަރަށް އެރީ ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަނަށް ފަރެއް އޮތްކަން ނޭންގުނީ އިރުގެ ދޯދިތައް އެޅިފައި ހުރި ގޮތުން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ދަތުރުވެރިންނާ އެކު ބޯޓު މި އޮތީ އަދިވެސް، ފުންވާނެ އިރެއް ބުނާކަށް ނޭންގޭ، މަގޫދޫ ރައްޔިތުންނާއި، ދޯނީގައި ތިބި މީހުންގެ އެހީގައި ފުންކުރުމުގެ މަސައްކަތް ކުރަމުން މިދަނީ" ބޯޓުގައި ހުރި ދަތުރުވެރިޔާ ބުންޏެވެ.

ފަރުގެ 10 ވަރަކަށް ފޫޓަށް ބޯޓު އަރާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ބޯޓަކީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ފަރަކަށް އަރައި ގެއްލުންތަކެއް ލިބުނު ބޯއްޓެކެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރަކަށް ބޯޓެއް އަރައިގެން އުޅޭ ކަމުގެ އެއްވެސް ރިޕޯޓެއް މިއަދު ލިބިފައި ނުވާ ކަމަށެވެ.