04 Apr 2015, 22:14
މަޓާޓޯ ޓްރެވަލް އެވޯޑްސްގެ 15 ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާއެއްގައި މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑުސްގެ މެއިން ސުޕޮންސާއަކަށް ހަމަޖައްސާފައިވަނީ މޯލްޑްވުސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އެވެ. ކޯ ސުޕޮންސަރުންނަށް އެލައިޑް އިންޝުއަރެންސް އާއި ވިލާއެއާގެ ފުލައިމީ އާއި ދަ ހޯކްސް ވަނީ ހަމަޖައްސާފައެވެ.
އެސޯސިއޭޓް ޕާޓްނަރަކަށް ސްޓޭޓް ޓުރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓުނަރަކަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމްޕެނީ (އެމްބީސީ) ވަނީ ހަމަޖައްސާފައެވެ. އަދި އޮފިޝަލް ހޯސްޓްއަކަށް ހަމަޖައްސާފައި ވަނީ ކޮކޯ ބޮޑު ހިތި އެވެ. އަދި ސިޓީ ހޮޓެލް ޕާޓްނަރަކަށް ހޮޓެލް ޖެން ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ފުލައި ދުބާއީ އެވެ.
ބެވެރޭޖް ޕާޓްނަރަކަށް މޯލްޑިވްސް އެރޭޓެޑް ވޯޓާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު ސައުންޑް އަދި ލައިޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައުންޑް އެންޑް ލައިޓްސް އައިއެންސީ އެވެ. އަދި ޓެކްނޮލޮޖީ ޕާޓްނަރަކަށް ސެމިކޮލޮން ހަމަޖައްސާފައިވާއިރު ފުޑް ސަޕްލައި ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޔުނައިޓެޑް ފުޑް ސުޕްލަޔާސް އެވެ. އަދި ޕްރައިޒް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޔުވާ މޯލްޑިސްއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓުރެވަލް އެވޯޑެއް ބާއްވާއިރު ދުބާއީގައި ބާއްވާ އެހަފްލާގައި އެވޯޑް ދެވިގެން ދާނީ ފަސް ދާއިރާއަކުން ކަމަށެވެ. ދުބާއީގަިއ ދެވިގެންދާނީ ބައިނަލްއަގުވާމީކޮށް އެމަގާމް ލިބޭ ފަރާތްތަކަށް އެންމެ ފައިދާ ކުރާނެ ދާއިރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ އެވޯޑުގައި 33 ކެޓަގަރީ އަށް 111 ނޮމިނޭޝަނެއް ހޮވިފައިވާއިރު އޮންލައިން ވޯޓިންއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެވޯޑަށް ފަތުރުވެރިންގެ އިތުރުން ދާއިރާގައި ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ފަތުރުވެރިކަމަށް ޝައުގު ހުންނަ ކޮންމެ ފަރާތަކަށް ވެސް އޮން ލައިންކޮށް ވޯޓު ދެވޭނެ އެވެ. އޮންލައިންކޮށް ވޯޓު ދިނުމަށް ވަނީ ޚާއްސަ ވެބްސައިޓެއް ހަމަޖައްސާފައެވެ.
އެހެން އަހަރުތަކާއި ތަފާތުކޮށް މަޓާޓޯ އެވޯޑްސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެ ގޮތުން އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ އެއްބައި އަންނަ މޭ މަހު ދުބާއީގައި ބާއްވާނެއެވެ. އެވޯޑް ދިނުމުގެ ފައިނަލް ބައި އޮންނާނީ ސެޕްޓެމްބަރު މަހު ކޮކޯ ބޮޑު ހިތި ރިސޯޓްގަ އެވެ.
މަޓާޓޯ ޓްރެވަލް އެވޯޑްސް ވިލަރެސް ކުރާ ފަރާތަކީ ހައިރައިޒް އެވެ.