04 Apr 2015, 22:07
މުުޒާހަރާގެ ތެރޭގައި ފުލުހުންގެ ސަފު ފަޅާލައި ވަދެގަންނަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފުގެ ބަންދުގެ މުއްދަތުު ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.
މަހުލޫފު ބަނދުކުރުމުގެ ތެރޭގައި މަހުލޫފަށާއި އާއިލާއަށް އަނިޔާ ކުރި ކަމަށް ބުނެ އެކަން ކުއްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މަހުލޫފް ހައްޔަރުކުރުމަށްފަހު މިހާރު ކްރިމިނަލް ކޯޓުން ފާޅުކަންބޮޑުގޮތެއްގައި އޭނާއަށް އަނިޔާވެރިވެ، އަދި ފުލުހުން ފާޅުކަންބޮޑުގޮތެއްގައި އޭނާގެ އާއިލާއަށް އަނިޔާވެރިވެ ފުރައްސާރަކުރަމުންދާ ކަމަށާއި އެކަން ކުއްވެރި ކުރައްވާ ކަމަށެވެ.
ްއެ ބަޔާނުގައި ވަނީ މުޒާހަރާގައި ފުލުހުންނަށް ނުކިޔަމަންވެގެން ދައުވާކުރުމަކާ ވެސް ނުލައި ހައްޔަރުގައި ބެހެއްޓުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހަމަތަކާ ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށެވެ.
"މުޒާހަރާތަކަށް ނުދިއުމަށާއި އޭގެ އިތުރުން ހަތަރު މީހުންނަށްވުރެ ގިނަ މީހުން ތިބޭ ތަނަކަށް ނުދިއުމަށް ކޯޓުން ޝަރުތުކުރުމަކީ އަސާސީ ހައްގުތަކާއި ގާނޫނީ ހަމަތަކާމެދު ޣާފިލުވެފައިވާ މިންވަރު ވެސް ހާމަވެގެންދާކަމެއް،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ބެރިކޭޑް ފަޅާލިކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ މަހުލޫފް ކޯޓަށް ގެންދިޔުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖެހި އެވެ. އޭގެފަހުން ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
މަހުލޫފަށާއި އާއިލާއަށް އަނިޔާ ކުރިކަމަށް ބުނެ އަޑު ފަތުރާފައި ވަނިކޮށް ފުލުހުން ރޭ ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، ކޯޓުން ނެރުނުވަގުތު މަހްލޫފުގެ އަނބިކަނބަލުން އައިސް އޭނާގެ ގައިގާ ބައްދައިގަތުމުން ފުލުހުން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނުމުން މަހުލޫފް އެތަނުން ދުރަށް ދުއްވައިގެންފައިވާ ކަމަށެވެ. އަދި ފުލުހުން ގޮސް މަހުލޫފު ހިފެހެއްޓީ ހިލާލީގެ ކައިރިން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.