ރ. އަލިފުށި ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އަލިފުށީ ކައުންސިލްގެ ބައި އިލެކްޝަން އަލިފުށި،ކިޔުބާ، އައިމިނަތު އަލީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ވާދަ ކުރައްވައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމް ކެނޑިޑޭޓް އައިމިނަތު އަލީ 685 ވޯޓުން އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓް އަލީ ހަމީދަށް ލިބިފައިވަނީ 490 ވޯޓެވެ.

އަލިފުށީ ކައުންސިލްގެ ގޮނޑި ހުސްވީ ކައުންސިލް މެންބަރު އަބްދުލް ލަތީފު އަބްދުލް ރަހުމާން ކައުންސިލް މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އަކީ ނިމިދިޔަ ދައުރުގައި ކައުންސިލްގެ ރައީސްކަން ކުރެއްވި، ޕީޕީއެމްގެ މެންބަރެކެވެ.

އިންތިހާބުގައި ވޯޓުލުމަށް އަލިފުށީގައި ވަނީ ތިން ފޮއްޓެއް ބަހައްޓާފަ އެވެ. ފުރަތަމަ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 266 މީހުނަށެވެ. ދެވަނަ ފޮއްޓަށް ވޯޓުލުމުގެ ހައްގު 613 މީހުންނަށް ލިބިފައިވާ އިރު ތިންވަނަ ފޮއްޓަށް ވޯތުލުމުގެ ހައްގު ލިބިފައި ވަނީ 565 މީހުނަށެވެ. އަދި މާލޭގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ހައްގު 357 މީހުންނަށް ލިބެއެވެ.