ކައުންސިލަރުންގެ ހުވަޔާ އެކު ކަތީބުންގެ މަގާމު އުވިގެންދާނެ ކަމަށް، ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވި ނަމަވެސް، ކައުންސިލްތަކުގެ އޮނިގަނޑު އެކުލަވާލެވެންދެން، ކަތީބުންނާއި އޮފީސްތަކުގެ މުވައްޒިފުން ކައުންސިލްތަކުގެ ދަށަށް ބަދަލުވެގެން ދާނީ، މިހާރު ވެސްތިބި މަގާމުތަކުގައި ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.

ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ރުޖޫއަވާން ޖެހޭނީ ގާނޫނަށް ކަމަށާއި އެކަމުގައި ސިވިލްސާވިސް ކޮމިޝަނުން ބައްލަވަނީ، ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާ އަށް ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގައި ދެ މަރުހަލާއެއް އޮވޭ. ފުރަތަމަ މަރުހަލާގައި ކައުންސިލްތައް އުފެދޭ ވަގުތުން ފެށިގެން ރަށު އޮފީސްތަކުގައި ތިބި މުވައްޒިފުން ކައުންސިލްތަކުގެ އިދާރާއަށް ބަދަލުވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގައި، ބުނާ އިރު އެ މުވައްޒަފުންގެ ތެރެއިން ކަތީބުން އިސްތިސްނާކޮށްފައެއް ނުވޭ" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ދެ ވަނަ މަރުހަލާގައި އެމަގާމުތަކަށް ބަދަލު ގެނެވޭނީ ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު ކަނޑައެޅިގެން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގައި ބުނަނީ، ކައުންސިލްތައް އުފެދޭ ވަގުތުން ފެށިގެން، މާލޭ މުނިސިޕަލްޓީ އާއި މާލޭ އަވަށު އޮފީސްތަކުގެ މުވައްޒަފުން މާލޭ ސިޓީ ކައުންސިލަށާއި އަތޮޅު އޮފީސްތަކުގައި ތިބި މުވައްޒަފުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް، އަދި ރަށު އޮފީސްތަކުގައި ތިބި މުވައްޒަފުން އެ ރަށެއްގެ ރަށު ކައުންސިލަށް ބަދަލުވެގެންދާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ހުވާކުރާ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާ ބެހޭ މައުލޫމާތު ދެއްވަމުން، ހޯމް މިނިސްޓަރު އަދި ކައުންސިލްތައް ރެގިއުލޭޓް ކުރުމަށް އުފައްދަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ އިސްވެރިއެއްގެ ގޮތުގައި ވެސް ހުންނެވި އަފީފު މިއަދު ވިދާޅުވީ ކައުންސިލަރުންގެ ހުވަޔާ އެކު ކަތީބުންގެ މަގާނު އުވިގެންދާނެ ކަމަށެވެ. އަދި އެއަށް ފަހު ކަތީބުގެ ދައުރު ނިމުނީ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.