ބ އަތޮޅު ކެންދޫ ސްކޫލްގައި ފުރަތަމަ ފަހަރަށް ސްކައުޓް ހަރަކާތް ތައާރަފް ކޮށްފިއެވެ.

ކެންދޫ ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 29 ދަރިވަރުން ސްކައުޓް ހުވާކޮށްފައި ވެއެވެ. އެކުދިންނަށް ސްކައުޓް ހުވާ ލައިދެއްވީ ކެންދޫ ސްކޫލްގެ ސްކައުޓް ލީޑަރު އަޙްމަދު ޖަވާދެވެ.

އެކުދިންނަށް ގްރޫޕް ސްކާފާއި، މެމްބާޝިޕް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެހްމާން އިބްރާހިމް ވަޙީދާއި، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރާއި، ކެންދޫ ރަށު ކައުންސިލްގެ ރައީސާއި، ސްކައުޓް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ކެންދޫ ސްކޫލްގެ ޕްރިންސިޕަލް އަދި ގްރޫޕް ސްކައުޓް ލީޑަރަށް ސްކައުޓް ހުވާ ލައިދީ ސްކާފް ހަވާލުކޮށްފަ އެވެ. ހުވާ ލައިދެއްވީ ނޭޝަނަލް ސްކައުޓް ކައުންސިލް މެމްބަރު ސައިފް އަޒްހަރެވެ. ސްކާފް ޙަވާލު ކޮށްދެއްވީ ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އެވެ. އޭގެ އިތުރުން ވަނީ ސްކައުޓް ލީޑަރުން ވައުދު އާކުރުމާއި ހެލްޕަރުންނަށް ވައުދުލައިދީފަ އެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ (ކެންދު) ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ސްކައުޓްގެ ހަރަކާތްތައް ވީހާވެސް ގިނައިން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސްކައުޓްގެ ސަބަބުން ދަރިވަރުން ސްކޫލް ނިންމާފައި ނުކުންނަ އިރު ވަޒީފާގެ މާހައުލުގައި ވެސް ހަރަކާތްތެރިވެ "ގައުމައްޓަކައި މަސައްކަތް ކުރުމުގެ" ފުރިހަމަ ތަމްރީނު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސްކައުޓް އެސީސިއޭޝަންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ސްކައުޓްގެ ހަރަކާތް ފެށުން ކަމަށް ކެންދު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާނާއި، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރާއި، ކެންދޫ ސްކޫލްގެ ޕްރިންސިޕަލްއާއި، ނޭޝަނަލް ސްކައުޓް ކައުންސިލްގެ މެމްބަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި މިރަސްމިއްޔާތުގައި، ކެންދޫ ސްކޫލްގެ އިސްވެރިންނާއި، ޕީޓީއޭގެ މެމްބަރުންނާއި، ކެންދޫގެ ހުރިހާ މުއައްސަސާއެއްގެ ވެރިންނާއި، ކެންދޫ ސްކޫލްގެ ބެލެނިވެރިންނާއި، ހުރިހާ ދަރިވަރުންނާއި، ކެންދޫގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.