ރާއްޖޭގެ ޝަރުއީ ދާއިރާ ޤާނޫނީ ގޮތުން މިނިވަންވެފައިވާ ނަމަވެސް، އަދި މިހާތަނަށް ޝަރުއީ ދާއިރާގެ ކަންކަން މިނިވަންކޮށް ހިނގަމުންނުދާ ކަމަށް ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާކުރި ބައިނަލްއަގްވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް )އައިސީޖޭ( އިން ބުނެފި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ދިރާސާކުރުމަށް ފަހު، އެކަންކަން އިސްލާހުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް ބަޔާންކޮށް އައިސީޖޭން ތައްޔާރުކޮށްފައިވާ ރިޕޯޓު މިއަދު ނެރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިސީޖޭގެ އޭޝިޔާ ޕެސިފިކް ޑައިރެކްޓާ ރޮޖާ ނޯމަން ވިދާޅުވީ، 2008 ވަނަ އަހަރާ ހަމައަށް އައިއިރު ވެސް ރާއްޖޭގެ ޝަރުއީ ނިޒާމާއި ފަނޑިޔާރުން ޤާނޫނީ ގޮތުން މިނިވަންވެފައިނުވާ ކަމަށާއި އެ ދާއިރާ މިނިވަންވީ އެ އަހަރު އާ ޤާނޫނު އަސާސީ ތަސްދީގުކުރެއްވުމާ ގުޅިގެން ކަމަށެވެ. އަދި ޤާނޫނު އަސާސީގައި ޝަރުއީ ދާއިރާ މިނިވަންވެފައިވާ ކަމަށް ބަޔާންކޮށްފައިވާ ނަމަވެސް، ހަގީގަތުގައި އެގޮތަށް ކަންތައް ހިނގަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖުޑީޝަރީ މިނިވަންވީ 2008 ގައި. އެކަމަކު އަޅުގަނޑު ފާހަގަކުރަން ޖުޑީޝަރީ މިނިވަންވީ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރިޔަސް ހަގީގަތުގައި އެހެނެއް ނޫން ވަނީ. ކަރުދާހުން މިނިވަންވުމާ، އަސްލު ފަންކްޝަނަލްކޮށް މިނިވަންވުމާ ތަފާތުވާނެ،" ނޯމަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް އަދި ކިރިޔާ ފަށައިގަތީ ކަމަށާއި ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން އެބަހުރި ކަމަށެވެ.
އެގޮތުން ނޯމަން ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާ މިނިވަންކުރުމަށްޓަކައި ފަނޑިޔާރުންގެ ގާބިލުކުރަން އިތުރުކުރަން ޖެހެ އެވެ. އޭނާ ވިދާޅުވީ، ފަނޑިޔާރުންނަށް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ބާރު ޤާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ނަމަވެސް، އެ ބާރު ބޭނުންކުރުމުގެ ސަގާފަތެއް އަދި އުފެދިފައިނުވާ ކަމަށެވެ.

"ބަޔާނެއްގައި ސޮއިކުރުމުން މިނިވަން ނުވާނެ. މިނިވަންކަމާ އެކު މަސައްކަތްކުރެއްވުމަކީ ޕްރެކްޓިސްކޮށްގެން، އަޚްލާގީ ގޮތުން ގެންނަ ބަދަލެއް. އެ ބަދަލު ނެތީ. މިތަނުގެ ގިނަ ފަނޑިޔާރުންގެ ކޮލިފިކޭޝަނެއް ނެތް މިނިވަންކަމާ އެކު މަސައްކަތްކުރެއްވުމުގެ ވެސް،" ނޯމަން ވިދާޅުވި އެވެ. އަދި ފަނޑިޔާރުންގެ ގާބިލުކަން އިތުރުކޮށް، ޖުޑީޝަރީ މުސްތަގިއްލު ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސުޕްރީމް ކޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަންކަމަށް ވަގުތު ނަގާނެ. އެ މަސައްކަތް މިހާރު ވެސް މިދަނީ ފެންނަމުން،" ނޯމަން ވިދާޅުވި އެވެ.

ނޯމަން ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސީރިއަސް މައްސަލަތަކެއް ވެސް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ފަނޑިޔާރުންގެ މުސްތަގިއްލުކަމާ މެދު މިއަދު ސުވާލު އުފެދިފައި ވަނީ އެބޭފުޅުން ދާއިމީ ކުރެއްވުމުގައި ޖޭއެސްސީން ގެންގުޅުނު "ދެފުށް ނުފެންނަ" އުސޫލުތަކުގެ ސަބަބުން ކަމަށް ވެސް ނޯމަން ވިދާޅުވި އެވެ. އަދި ކުރުމުއްދަތެއްގެ ތެރޭ އެކަން ކުރުމަށްޓަކައި އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ "ކުރުގަޅުވާލައިގެން" ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

އެހެންކަމުން ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތް އެކޮމިޝަނަށް ގެންގޮސްފައިވަނީ ރަނގަޅަށް ނޫން ކަމަށް ނޯމަން ވިދާޅުވި އެވެ.

ނޯމަން އިތުރަށް ވިދާޅުވި ގޮތުގައި، ޖޭއެސްސީގެ މުސްތަގިއްލުކަމާ މެދު އެންމެ ބޮޑަށް ސުވާލު އުފެދެނީ އެ ކޮމިޝަން އެކުލެވިގެންވާ ގޮތުންނެވެ. އެގޮތުން ޤާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ ދިހަ މެމްބަރުންގެ ޖޭއެސްސީގައި ތިއްބަވާ ހަތް މެމްބަރުންނަކީ ޝަރުއީ ދާއިރާއާ ގުޅުމެއް ނެތް ބޭފުޅުން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއީ ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށެވެ.

"އެއްވެސް ގައުމަކުން އަދި ނުފެނޭ މިގޮތަށް މިކޮމިޝަން އެކުލެވިފައިވާ ތަން. މިއީ ވަރަށް އަދަޔާޚިލާފުކަމެއް ދިހަ މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ހަތް ބޭފުޅުންނަކީ ޝަރުއީ ދާއިރާއާ ގުޅުން ނެތް ބޭފުޅުންނަށް ވުން،" ނޯމަން ވިދާޅުވި އެވެ. "މި މައްސަލައާ މެދު ސީރިއަސްކޮށް ވިސްނަންވެއްޖެ. އެހެންނޫނީ ގިނަ ވަގުތު ނަގާ ވަރަކަށް ޖޭއެސްސީގެ އިތުބާރު ގެއްލެމުންދާނީ"

ނޯމަން ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޤާނޫނު އަސާސީ އިސްލާހުކުރުން މުހިންމު ކަމަށާއި އެކަމާ ގުޅޭ ގޮތުން ކަމާބެހޭ މުއައްސަސާތަކުން ވިސްނަން ފަށަން ވެއްޖެ ކަމަށެވެ. ނަމަވެސް، އެއީ ދިގު މުއްދަތެއް ނަގާނެ ކަމަކަށްވާތީ، މިހާރުން މިހާރަށް ޖޭއެސްސީގެ މަސައްކަތްތައް ދެފެށްފެންނަ ގޮތަކަށް ހިންގަމުން ގެންދިޔުމަށް އޭނާ ގޮވައިލެއްވި އެވެ.

ނޯމަން އިތުރަށް ވިދާޅުވީ، ޝަރުއީ ނިޒާމާ ދެކޮޅަށް ހިންގި ބައެއް ހަމަނުޖެހުންތަކުގެ ފަހަތުގައި ސަރުކާރާއި އިދިކޮޅު ފަރާތްތައް ވާކަން އެ ޖަމިއްޔާއަށް ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް، އެހެން ގައުމުތަކާ ޚިލާފަށް ރާއްޖޭގައި މިނިވަން ޝަރުއީ ނިޒާމެއް ގާއިމްކުރުމަށް ހުރިހާ ފަރާތްތަކުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިސީޖޭގެ ރިޕޯޓުގައި އަދުލް އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމަނައިފައި ވެއެވެ. އެގޮތުން ސުޕްރީމް ކޯޓުން، ޖުޑިޝަލް އެޑިމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ ހިންގުން ބެލުމުގައި އިސް ދައުރެއް އަދާކުރުމަށް ހުށަހަޅައިފައި ވެއެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީން ދިނުމަށާއި ޝަރުއީ ދާއިރާއަށް ރައްޔިތުން ހޭލުންތެރި މަރުކަޒެއް ގާއިމްކުރުމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ޖިނާއީ އިޖުރާތުގެ ބިލާއި، ޤާނޫނުލް އުގޫބާތުގެ އިތުރުން ސިވިލް ޕްރޮސިޖާ ކޯޑާއި ހެއްކާ ބެހޭ ގާނޫނާއި މަސްތުވާތަކެއްޗާ ބެހޭ ބިލު ވީހާވެސް އަވަހަކަށް ފާސްކުރުމަށް އައިސީޖޭން ވަނީ އެދިފަ އެވެ.