ގާނޫނުލްއުގޫބާތަށް ހުށަހެޅި 13 އިސްލާހުގެ ތެރޭގައި ނުހައްގުން މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމުގައި ހިމަނައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފި އެވެ.

ނުހައްގުން މުއްސަނދިކަން ކަން ހޯދުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ކުށެއް ކަމަށް ކަނޑައަޅައި ދިނުމަށް ބަންޑާރަނައިބަށް ހުށަހެޅި ސަބަބުތަކެއްގެ ގޮތުގައި އޭސީސީން ބަޔާންކޮށްފައި ވަނީ ޔޫއެން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަންގެ 20 ވަނަ މާއްދާގައި ނުހައްގުން މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް އެ މާއްދާގައި ހިތްވަރު ދީފައިވާ ކަމަށާއި އެގޮތަށް 42 ގައުމެއްގައި އެއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި އާޖެންޓީނާ ފަދަ ގައުމުތައް ހިމެނޭކަން ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ.

ނުހައްގުން މުއްސަނދިކަން ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި ސުވާލު ކުރެވޭނެ އަދި އާމްދަނީ ލިބުނު ގޮތް ތަހުގީގު ކުރެވޭނެ އެއްވެސް ގާނޫނީ ނިޒާމެއް ނެތުމުން ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ކުށުގެ އަމަލު މުޅިން ދޫކޮށްލެވޭކަމަށް އޭސީސީ ހުށަހެޅި އިސްލާހުގައި ވަނީ ފާހަގަކުރައްފަ އެވެ.

ނުހައްގުން މުއްސަނދިކަން ހޯދުން މަނާކުރާ ގައުމުތަކުގައި މީހަކު ކުރާ މަސައްކަތާ ނުބައްދަލު އާމްދަނީއެއް ނުވަތަ މިލްކުވެރިކަމެއް އެ މީހަކަށް ލިބިއްޖެ ނަމަ އެއީ ކިހިނެތް ކޮން ގޮތަކަށް ލިބުނު އެއްޗެއްކަން ސާބިތުކޮށް ދިނުމަކީ އެ މީހެއްގެ ޒިންމާ އެކެވެ. އަދި އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނަގުމަކީ އެ ގައުމުތަކުގައި އަމަލުކުރަމުން ދާ ގޮތެވެ.

މިހާރު އަމަލުކުރަމުންދާ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން ވެސް ކޮރަޕްޝަންގެ އަމަލު ހިންގައިގެން މުދަލާއި ފައިސާ ހޯދުމަކީ ކުށެއް ކަމަށް ބަޔާންކޮށް، އެފަދަ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށް ބުނެފައިވެ އެވެ.