04 Apr 2015, 13:39
މި ގަރުނުގެ ތެރޭގައި އެންމެ ކުޑަ ވަގުތުކޮޅަކަށް ފެންނާނެ ހަނދުކޭތަ މިރޭ ހިފާނެ ކަމަށް ނޭޝަނަލް އެރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފިއެވެ.
"ބްލަޑް މޫން"ގެ ނަމުން އެ ކޭތައަށް ނަން ދެވިފައިވާއިރު ކޭތަ ހިފާ ވަގުތު، ހަނދު ހުންނާނީ ފުސް ރަތް ކުލައެއްގައި ކަމަށް ނާސާއިން ވަނީ ބުނެފައެވެ. މި ގަރުނުގައި އެންމެ ކުޑަ ވަގުތު ކޮޅަކަށް މިރޭ ހިފާ ކޭތަ ހުންނާނީ ހަތަރު މިނެޓާ 43 ސިކުންތު އެވެ.
މިހާތަނަށް ރެކޯޑު ކުރެވުނު އަދަދުތަކުގެ ތެރެއިން އެންމެ ކުޑަ ވަގުތުކޮޅަކަށް ހަނދުކޭތައެއް ހިފާފައި ހުރީ 1529 ގައެވެ. އެފަހަރުގެ ކޭތަ އެއް މިނެޓާއި 42 ސިކުންތަށް ދެމިގެން ދިޔަ ކަމަށް ނާސާ އިން ވަނީ ބުނެފައެވެ.
ފަތިހުގެ ކައިރި ވަގުތެއްގައި ހިފާނެ ކަމަށް ބުނެފައިވާ އެ ކޭތަ، ދުނިޔޭގެ ގިނަ ސަރަހައްދުތަކަކަށް ފެންނާނެއެވެ. ނިއު ޔޯކްގައި އުޅޭ މީހުންނަށް ހަނދުގެ ކުލަ ބަދަލުވާ މަންޒަރު ފެންނާނެއެވެ. ކޭތަ އެންމެ ބޮޑަށް ފެންނާނީ އޭޝިއާ އާއި އޮސްޓްރޭލިއާ އާއި އެމެރިކާ އަދި ޕެސިފިކް ސަރަހައްދަށެވެ.
ރާއްޖެއަށް އެ ކޭތަ ފެންނާނެ ކަމަށް ގިނަ ރިޕޯޓުތަކަކުން ބުނާއިރު އެންމެ ބޮޑަށް ފެންނާނީ އިރު އޮއްސި 18:15 ގައެވެ. އަދި 19:59 ގައި ކޭތަ ވީއްލޭނެ އެވެ.
އަހަރެއްހާ ދުވަހުގެތެރޭގައި މިރޭ ހިފަން އުޅޭ ކޭތައަކީ ތިންވަނަ ކޭތައެވެ. އަދި ހަތަރު ވަނަ ކޭތައެއް މިއަހަރުގެ ސެޕްޓެމްބަރު 28 ހިފާނެ ކަމަށް ނާސާއިން ވަނީ ބުނެފައެވެ.
ސެޕްޓެމްބަރު މަހުގެ ކޭތަ ހިފާ ނިމުމުން "ޓެޓްރަޑް ސީރީޒް" އެއް ހަމަވާނެ ކަމަށް ނާސާ އިން ބުނެއެވެ. ޓެޓްރަޑް ސީރީޒް އަކީ އާދަޔާ ހިލާފު ކޭތަ ހިފުމަށް ދެވިފައިވާ ނަމެކެވެ. ނާސާއިން ބުނާ ގޮތުގައި 2032ގައި ވެސް އެފަދަ ސީރީޒެއް ހިނގާނެ އެވެ.