މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ފެށުމަށް ހަދަންޖެހޭ ފައިނަލް ސާވޭތަކުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ޗައިނާގެ ޓީމަކާއި ހައުސިން މިނިސްޓުރީގެ ޓީމެއް އެ މަސައްކަތް ކުރަމުންދާއިރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ މިފަހަރު ކުރާ ސާވޭއަކީ ބްރިޖްގެ މަސައްކަތައް ފެށުމަށްޓަކައި ހަދާ ސާވޭ ތަކެއް ކަމަށާއި މަސައްކަތް ފެށުމަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް މިފަހަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ބްރިޖު ސާވޭގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: މިނިސްޓަރު މުއިއްޒު ޓުވިޓާ

"މިކަމަށް ބޭނުންވާ ހުރިހާ ސާވޭ އެއް ނިންމާނެ މިފަހަރު އިރާދަކުރެއްވިއްޔާ، ދެން އެކްޗުއަލް މަސައްކަތައް ދިއުމަށްޓަކައި ކުރާ ކަންތައް [ސަވޭ]، ފީޒިބަލްތޯ ނޫންތޯ ކުރާ އެއްޗެއް ނޫން މިއީކީއެއް،" ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ފެށި ސާވޭގައި މާލެ އާއި ހުޅުލޭގެ އިތުރުން ހުޅުމާލޭގެ އެއްގަމާއި ކަނޑުމަގުން ސާވޭ ކުރާނެ ކަމަށެވެ. އެސާވޭ ތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭ ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޗައިނާގެ ޓީމްތަކުން ރާއްޖެ އައިސް ވަނީ ބްރިޖްގެ ސާވޭތަކެއް ކުރިއަށްގެންގޮސްފަ އެވެ. ނަމަވެސް އެފަހަރު ސާވޭކޮށްފައި ވަނީ ބްރިޖު އެޅުމަކީ ފީޒިބަލް ކަމެއްތޯ ބެލުމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަދި އިކޮނަމިކް ކައުންސިލްގެ ކޯޗެއާ އަހުމަދު އަދީބް ވިދާޅުވީ ބްރިޖްގެ ފުލް ޑިޒައިން މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، މިއަހަރު ތެރޭގައި ބްރިޖުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަޤީންކަން ޗައިނާގެ ކޮމާޝަލް މިނިސްޓަރު ލިޔުމުން ދީފައިވާ ކަމަށެވެ.