04 Apr 2015, 12:55
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ "އެޕްލިކޭޝަން ޕްރޮސެސިން" އަށް 25،000 ޑޮލަރު ހުށަހަޅަންޖެހޭ ގޮތަށް އެސްއީޒެޑްގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ބޯޑް އޮފް އިންވެސްޓްމަންޓުގެ ގަވާއިދު އެކުލަވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައި އެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ އެޕްލިކޭޝަން ޕްރޮސެސިން ފީ އެއްގެ ގޮތުން 25،000 އެމެރިކާ ޑޮލަރު ދައްކަންވާނެ ކަމަށެވެ. އަދި ފީ ދައްކަން ވާނީ ޓެލެގްރާފިކް ޓްރާންސްފާ މެދުވެރިކޮށް އެސްއީޒެޑް ބޯޑުން ކަނޑައަޅާ އެކައުންޓަކަށެވެ. އަދި އެސްއީޒެޑް ބޯޑުން އިނިޝިއަލް ޕާމިޓު ދޫކުރާތާ 15 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތުން ބޯޑުން އަންގާ ގޮތުގެ މަތީން ބޯޑުން ގަބޫލުކުރާ އެކައުންޓަކަށް 1،000،000 ޑޮލަރުގެ ބޭންކު ގެރެންޓީއެއް ހުށަހަޅަންޖެހެ އެވެ.
ގަވާއިދުގައި ބުނެފައި ވަނީ އެސްއީޒެޑް ބޯޑަށް އައްޔަންކުރާ މެމްބަރުން އަންޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އަދި ބޯޑު މެމްބަރުންގެ މުއްދަތަކީ އައްޔަންކުރާ ތާރީހުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި އެސްއީޒެޑް ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވާ މެމްބަރަކު ފިޔަވައި އެހެން ކޮންމެ މެމްބަރަކު ވެސް ބޯޑުގެ މެމްބަރަކު ވެސް ބޯޑުގެ މެމްބަރުކަމުގެ އިތުރު އެއް ދައުރަށް އައްޔަން ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެ އެވެ.
އެސްއީޒެޑު ބޯޑުގައި ޗެއާ ޕާސަންއަކާ ވައިސް ޗެއާ ޕާސަންއެއް ހުންނަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި އެ ދެ މަގާމުގައި ހުންނަވާނެ ފަރާތެއް ކަނޑައަޅާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
އުސޫލެއްގެ ގޮތިން ބޯޑުގެ ބައްދަލުވުންތައް ބާއްވަންޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެވެ. ނަމަވެސް ދިމާވާ ހާލަތެއްގައި ބޯޑުގެ ބައްދަލުވުންތައް އެ ނޫން ތަނެއްގައި ބޭއްވުމަށް ބޯޑުގެ ޗެއާ ޕާސަންއަށް ކަނޑައެޅިދާނެ ކަމަށް ބޯޑު އޮފް އިންވެސްޓްމަންޓުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
"ސަރުކާރުގެ ފަރާތުން ކަމުގައިވީ ނަމަވެސް ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ކަމުގައިވީނަމަވެސް ބޯޑަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނީ ކަމާ ގުޅޭ ގޮތުން ބޯޑުން އެކުލަވާލައި މި ގަވާއިދުގެ ޖަދުވަލުގައި ހިމަނާފައި އެވާފޯމުގައި އެވާ ފޯމުގައިވާ މައުލޫމާތުތައް ހިމެނޭ ގޮތަށް ހުށަހެޅުމެއް ތައްޔާރުކޮށް އެ ފޯމާއެކުގައި އެވެ. އެ ފޯމުގައި މައިގަނޑު ގޮތެއްގައި ހުންނާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ނުކުތާތަކެވެ." ގަވާއިދުގައި ބުނެފައިވެ އެވެ.
ގަވާއިދުގައި ބުނާ ގޮތުން އެސްއީޒެޑް ބޯޑަށް ލަފާ ދިނުމަށް 17 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެކްނިކަލް ކޮމިޓީއެއް އޮންނަންޖެހެ އެވެ. އަދި ހަމައެއާއެކު ސެކިއުރިޓީ ކޮމިޓީއަކާ އިގްތިސާދީ ކޮމިޓީ އާއި ތިމާވެއްޓާ ގުޅޭ ކޮމިޓީގެ އިތުރުން މާލީއެއް ކޮމިޓީއެއް އޮންނަންޖެހެ އެވެ.
އެޒްއީޒެޑް ގާނޫނުގެ ދަށުން ހަދަންޖެހޭ "ބޯޑު އޮފް އިންވެސްޓްމަންޓުގެ ގަވާއިދު" އެކުލަވާލާފައިވާއިރު އެސްއީޒެޑް ޒޯނެއްގައި ހިންގިދާނެ އިގްތިޞާދީ މަސައްކަތް ތަކާއި، އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ މިންގަނޑު ކަނޑަ އެޅުމާ ބޭހޭގޮތުން ރައީސް އަބްދުﷲ ޔާމީން ވަނީ ގަރާރެއް ނެރެފަ އެވެ.
ގަރާރުގައި ވާގޮތުން އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ ބައެއް އިންވެސްޓްމެންޓް ތަކަށް 150 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަނޫން އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެކިބާވަތުގެ މެނުފެކްޗަރިން މަސައްކަތާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާރޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގް ސާވިސަސް އާއި ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލް އަދި ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތަކުގެ އިތުރުން، އިތުރު އިންވެސްޓްމެންޓްތަށް ވެސް ހިމެނެ އެވެ.