ނިޔުޔޯކް (އެޕްރީލް 4): ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ގޮވާލައި ގަރާރެއްގެ ދެލިކޮޕީ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމާއެކު އެކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުގެ މެންބަރުން މިއަދުގެ ވަގުތެއްގައި ބައްދަލުކުރުމަށް ހަމަޖެހިއްޖެ އެވެ.

ސަލާމަތީ މަޖިލީހުގެ ސެކްރެޓޭރިއަޓުން ބުނީ ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ގޮވާލައި ގަރާރެއްގެ ދެލިކޮޕީ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވަނީ ރަޝިޔާއިން ކަމުގައެވެ. ރަޝިޔާ ބުނާގޮތުން މިގަރާރު ހުށަހެޅީ ޔަމަނަށް ދޭ ޙަމަލާތަކުގެ ސަބަބުން އެގައުމުގެ އާންމުން މަރުވަމުންދާ މިންވަރު އިތުރުވަމުންދާތީ އެވެ. ޔަމަންގެ މައްސަލަ ހައްލުކުރުމުގައި ބާރުގެ ބޭނުން ނުކުރުމަށްވެސް މިގަރާރުގެ ދެލިކޮޕީ ގޮވާލާ ކަމަށް ރަޝިޔާއިން ބުނެއެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި މިހާތަނަށް 70 އަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު ޙޫޘީ ހަނގުރާމަވެރިންނާއި ޔަމަންގެ ރައީސް ހާދީ އަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ބިންމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އދ. ން ބުނެފައިވެެ އެވެ. ހާދީއަށް ސައޫދީން އެހީތެރިވާއިރު ޙޫޘީންނަށް އެހީތެރިވަނީ ޔަމަންގެ ކުރީގެ ރައީސް ސާލިޙް އާއި އީރާނުންނެވެ.

ހޫޘީ ހަނގުރާމަވެރިން، ޔަމަންގެ ދެކުނުގެ ރަށެއްކަމަށްވާ އަދަންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވަދެގަނެ އެތަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާއެކު ހަނގުރާމަވަނީ އިތުރަށް ވަރުގަދަވެފައެވެ. ހޫޘީ ހަނގުރާމަވެރިން އަދަންގެ ރިޔާސީ ގަނޑުވަރު ހިފީ ސައޫދީ އަރަބިޔާގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދު އަދަންގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށްފަހު މިދޔަ ހުކުރުދުވަހުއެވެ.

އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު އާދިލްއަލްޖުބައިރު ވިދާޅުވީ ޙޫޘީންނާ ދެކޮޅަށް ސައޫދީން ވައިގެ ޙަމަލާތައް ދެމުން ގެންދިޔަނަމަވެސް އެއްގަމު މަގުން ހަނގުރާމަ ނުކުރާ ކަމުގަ އެވެ. އަދި ސައޫދީ އިސްކޮށް އުފައްދައިގެން އުޅޭ ކޯލިޝަންގައި ހިމެނޭ އެއްވެސް ގައުމެއްގެ ސިފައިން އެއްގަމު މަގުން ޔަމަނަށް ވަދެގެންފައި ނުވާނެ ކަމަށްވެސް ސައޫދީ ސަފީރު ވިދާޅުވިއެވެ.

ޔަމަންގެ ހޫޘީ ހަނގުރާމަވެރިން އެގައުމުގެ ވެރިކަން ރައީސް ހާދީ އާ ޙަވާލުކުރުމަށް އެއްބަސްވަންދެން ސައޫދީ އަރަބިޔާ އިސްކޮށް އިވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ކުރިޔަށްގެންދާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. (ރޮއިޓާސް)