ގއ. ދާންދޫއަށް ލެއްގި ބޮޑުމަސް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ނަގައި ވަޅުލައިފި އެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ލަތީފް މިއަދު 'ސަން' އަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެރަށު ފުއްޓަރު ފަރާތު ފަޅުތެރެއަށް ލެއްގި ބޮޑުމަސް ނެގުމަށްޓަކައި ކައުންސިލާއި އެރަށު ޕޮލިސްޓޭޝަނުން ކުރި މަސައްކަތުން އެކަން ކުރެވޭ ގޮތް ނުވި ކަމަށެވެ.

ސަބަބަކީ އެ މަހަކީ ގާތްގަނޑަކަށް 35 ވަރަކަށް ފޫޓުގެ ބޮޑު މަހަކަށް ވެފައި އެކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާތީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އެހެންކަމުން ފުލުހުންނާއި ކޯސްޓު ގާޑާއި އެމްޓީސީސީގެ އިތުރުން ދާންދޫގައި ހިމެނޭ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންގެ އެހީތެރިކަމާ އެކު އެރަށު ހުޅަނގު ފަރާތު ހިއްކާފައި އޮތް ސަރަހައްދަށް އެ މަސް ގެންގޮސް ރޭ ވަޅުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޯންޏެއްގައި ކަފު ޖަހައިގެން މިރަށު ހުޅަނގު ފަރާތު ހިއްކާފައި އޮންނަ ސަރަހައްދަށް ގެންގޮސް ރޭ ވަނީ އެ މަސް ވަޅުލާފައި،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސް ވަޅުލާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުގެ ދަށުން ކަމަށާއި އެކަމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.