04 Apr 2015, 10:17
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރާއްޖެއަށް ކެއުމަށް ބޭނުންކުރާ ބައެއް ވައްތަރުތައް އެތެރެކޮށް އެތަކެތި ރާއްޖޭގައި ޕެކްކޮށް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "ސަން"އަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ، އާންމުކޮށް ކެއުމަށް ބޭނުންކުރާ ބައެއް ބާވަތްތައް ކަމުގައިވާ ކިރާއި، ކުކިން އޮއިލްފަދަ ތަކެތީގެ ބޮޑު ސްޓޮކް ރާއްޖެ އެތެރެކޮށް އެތަކެތި ރާއްޖޭގައި ބަންދުކޮށް ބާޒާރަށް ނެރުމަށް ނިންމައި އެކަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
"ބައެއް ފުޑް ޕުރޮޑެކްޓް މިކޮޅަށް ގެނެސް ރީ ޕެކް ކުރުމުގެ ވިސްނުމެއް އެބަގެންގުޅެން، އޭގެ ވެސް ސްޓަޑީ ހަދަމުން މި ދަނީ،" ޝަހީރު ވިދާޅުވިއެވެ.
އެ ޕްރޮޑަކްޓު ނެރޭނެ ގޮތުގެ ތަފްސީލެއް ހާމަ ކުރެވޭނީ ދިރާސާތަކަށް ފަހު ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯއިން ނޫފަހިއަކީ އަގުހެޔޮ ޕުރޮޑަކްޓެއް ގެނައުމަށް އުފެއްދި ޕުރޮޑަކްޓެއް ކަމަށާއި ނޫފަހީގައި ބައެއް ކޮލެޓީ މައްސަލަތައް އުޅޭތީ އެކަން ބަލަމުންދާ ކަމަށް ޝަހީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނޫފަހި އިތުރަށް ކުރިއަށް ގެންދާނީތޯ ނުވަތަ ބަދަލުތަކެއް ގެންނާނީތޯ ބެލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯއިން އާ ޕުރޮޑަކްޓެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު އެސްޓީއޯގެ މޭޖިން ޑިރެކްޓަރަކަށް ކުރިން އާދަމް އާޒިމް ހުންނެވިއިރު އުފެއްދި ނޫފަހި ބުރޭންޑްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިތުރުން ބައިނަލް އަގުވާމީ މާކެޓަށް ނެރުން ކަމަށް އާޒިމް އޭރު ވިދާޅުވި އެވެ. އޭރު އާޒިމް ވިދާޅުވީ ނޫފަހި ޕުރޮޑަކްޓް ރާއްޖޭގައި ޕެކްކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.