ޒައިތޫނި ތެލަކީ މެޑިޓަރޭނިޔަން ސަރަހައްދުގެ ގައުމުތަކުގައި ކެއްކުމަށް އެންމެ ގިނައިން ބޭނުންކުރާ ތެލެވެ. ޒައިތޫނި ތެލަކީ އިންސާނުންގެ ސިއްޙަތަށް އެންމެ ގިނަ މައްސަލަތައް ކުރިމަތިކުރާ ފަސް މާއްދާ ކަމަށްވާ ގްލޮޓީން އާއި ސެޗުރޭޓެޑް ފެޓާއި ކޮލެސްޓްރޯލް އާއި ހަކުރާއި ލޮނު އެއްވެސް ވަރަކަށް ނުހިމެނޭ ވަރަށް ސިއްޙީ ތެލެކެވެ. ޒައިތޫނި ތެލުގެ ތެރެއިން ވެސް އެންމެ ފައިދާ ބޮޑީ އޭގެ ވާޖިން އޮއިލެވެ. ކެއްކުމުގައާއި ކާތަކެތި ތައްޔާރު ކުރުމުގައި ޒައިތޫނި ތެޔޮ ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގިނަ ގުނަ ފައިދާތަކުގެ ތެރެއިން ބައެއް ފައިދާ މިތާގައި ލިޔެލާނަމެވެ.

ހަކުރުބަލިން ދުރުކޮށްދިނުން:

ހަރުކު ބައްޔާބެހޭ ދިރާސާތައް ބުނާ ގޮތުން ޒައިތޫނި ތެލުގެ ދެ ސަމުސަލުގެ މިންވަރު ކޮންމެ ދުވަހަކު ހަށިގަނޑުގެ ތެރެއަށް ދިޔުމަކީ ހަކުރު ބަލި ޖެހުމުގެ ފުރްސަތު 50 އިންސައްތަ އަށް ކުޑަކޮށްދޭ ކަމެކެވެ.

ހިތުގެ ބަލިން ދުރުކޮށްދިނުން:

ޒައިތޫނި ތެލުން "ނުބައި ކޮލެސްޓްރޯލް" ދަށްކޮށް "ރަނގަނޅު ކޮލެސްޓްރޯލް" ގެ ނިސްބަތް އިތުރުކުރާކަން އެތަށް ދިރާސާއަކުން ހާމަވެފައިވެއެވެ. ނުބައި ކޮލެސްޓްރޯލް އަކީ ހިތާއި ގުޅިފައިވާ ނާރުތަކުގައި ސަރުބީ ޖަހައި އެނާރުތައްބޯވެ ބެދުމަށް މަގުފަހިކުރާ މާއްދާއެއްގެ އިތުރުން އެއީ ހިތުގެ އެހެން ބަލިތަކާއި ސިކުނޑިއަށް ޖެހޭ ސްޓްރޯކަށް ވެސް މަގުފަހިކުރާ މާއްދާއެކެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދިނުން:

ޒައިތޫނި ތެލަކީ ލޭގެ ޕްރެޝަރު ދަށްކުރުމުގައާއި މުސްކުޅިންނާއި ޅަކުދިންގެ ހަނދާން ގަދަކޮށްދިނުމަށް އެހީވާ މާއްދާތައް އެކުލެވޭ އެއްޗެކެވެ. ނަމަވެސް ޒައިތޫނި ތެޔޮ ގިނައިރު ކައްކާނަމަ މިމާއްދާތަކުގެ ބާރު ކުޑަވެއެވެ. އެހެންކަމުން އެންމެ ރަނގަނޅަށް މިމާއްދާތަކުގެ ފައިދާ ލިބޭނީ ކާއިރު ޒައިތޫނި ތެލުގެ ސަމުސަލެއް ކާއެއްޗަށް އަޅާލައިގެން ރޮލާ މިތެޔޮ ބޭނުން ކުރުމުންނެވެ.

ބަނޑާއި ހަޖަމުގެ މައްސަލަތައް ކުޑަވުން:

އިންސާނުންގެ ހަޖަމުގެ ނިޒާމުގައި ޖެހޭ މައްސަލަތަކުގެ 50 އިންސައްތަ ޒައިތޫނި ތެޔޮ ދިގުމުއްދަތަކަށް ބޭނުން ކުރުމުން ހައްލުވެގެންދާކަން އެތަށް ދިރާސާއަކުން ހާމަވެފައިވެއެވެ. މީގެތެރޭގައި ވައިއެރުމާއި ބަނޑު ހިކުމާއި ބަނޑުގައި ރިހުމާއި އިންފްލެމޭޝަން ފަދަ މައްސަލަތައް ހިމެނެއެވެ. ޒައިތޫނި ތެލުގައި ހިމެނޭ "އޮލިޔޯކެންތަލް" މާއްދާއަކީ ބަނޑުގެ މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވާ މާއްދާ އެއްކަމަށް ވެއެވެ.

ކެންސަރުން ދުރުކޮށްދިނުން:

ޒައިތޫނި ތެލުގައި ހިމެނޭ "އެންޓި އޮކްސިޑެންޓްސް" އަކީ ކެންސަރުން ދުރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާތަކެއްކަން ހާމަވެފައިވެއެވެ. މީގެއިތުރުން ޒައިތޫނި ތެލުގައި ހިމެނޭ "އޮލެއިކް އެސިޑް" އަކީ ވެސް އެކިބާވަތުގެ ކެންސަރު ސެލްތަކާއި ޓިއުމަރުތައް އުފެދުމާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއް ކަމަށް ވެއެވެ. އާންމުކޮށް ޒައިތޫނި ތެޔޮ ބޭނުންކުރާ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ކެންސަރުގެ ބާވަތްތައް ވަރަށް ބޮޑަށް މަދުކަން ސިއްޙަތާބެހޭ ސާވޭތަކުން ހާމަވެފައިވެއެވެ.

މައިދާގެ ފާރު ފަސޭހަކޮށް ހޫނު އެރުން ކުޑަކޮށްދިނުން:

މައިދާގެ ފާރު ނުވަތަ ސްޓޮމަކް އަލްސަރ ފަސޭހަ ކޮށްދިނުމުގައި އެހީތެރިވާ މައްދާތަކާއި މައިދާ ގައި އުފެދޭ އިންފްލެމޭޝަންތައް ކުޑަކޮށްދޭ މައްދާތައް ޒައިތޫނި ތެލުގައި އެކުލެވިގެން ވެއެވެ.

ކަށިވަރުގަދަކޮށްދިނުން:

ކާބޯތަކެތީގައި ހިމެނޭ ކެލްސިޔަމްގެ ބާވަތްތައް ލޭގެ ތެރެއަށާއި އަދި ކައްޓާ ހަމައަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރުމުގެ ބާރު ޒައިތޫނި ތެލަށް ލިބިފައިވާތީ ޒައިތޫނި ތެޔޮ ބޭނުން ކުރުމުން ކަށިވަރުގަދަވެއެވެ. މިއީ ކުޑަކުދިންގެ ކަށިތައް އުފެދި ވަރުގަދަ ވުމަށާއި މުސްކުޅިންގެ ކަށިތައް ބަލިކަށިވިޔަނުދީ ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.

ބަރުދަން ލުއިކޮށްދިނުން:

ޒައިތޫނި ތެލަކީ ބަރުދަން އިތުރުކޮށްދޭ އެއްޗެއް ކަމަށްބުނެ ބައެއް މީހުން ދައްކާވާހަކަތަކަކީ ތެދެއްނޫންކަން ދިރާސާތަކުން ހާމަވެފައިވެއެވެ. ޒައިތޫނި ތެޔޮ ބޭނުންކުރުމުން ފޮނިކާއެއްޗެހި ކާހިތްވުން ކުޑަކޮށްދީ ބަނޑުހައިވުން ކުޑަކޮށްދޭ ކަމަށްވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމުގައި އެހީތެރިކަން ލިބެއެވެ. ޒައިތޫނި ތެލުން ލިބޭ ފައިދާއަށްވުރެ ބޮޑު ފައިދާއެއް ޒައިތޫނި އޮށް (އޮލިވް) އިން ލިބޭ ކަމަށް ވެއެވެ. (ޑައިޖެސްޓް)