04 Apr 2015, 00:56
ދިވެހިބަހުގެ އެކެޑެމީއަށް އިލްމީ އަދި ސަގާފީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން އިންޑިއާގެ މަޝްހޫރު އަލީގަޅު ޔުނިވަސިޓީގެ އިސްވެރިންނާއި މަޝްވަރާކޮށްފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން އިއްޔެ ބުނީ މިހާރު އިންޑިއާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހިބަހުގެ އެކެޑެމީގެ ހަތް މެމްބަރުންގެ ވަފުދު އަލީގަޅު މުސްލިމް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ލެފްޓިނެންޓް ޖެނެރަލް ޒަމީރުއްދީން ޝާހު އާއި ބައްދަލު ކުރެއްވި ކަމަށެވެ.
ބުރާސްފަތި ދުވަހު އޮތް އެ ބައްދަލުވުމުގައި އެ ޔުނިވަސިޓީގެ އެހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި ދަތުރެއްގައި ދިވެހިބަހުގެ އެކެޑެމީގެ މެމްބަރުން ގެންދަވަނީ އިންޑިއާގެ ބޮޑެތި ބައެއް ސިޓީތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން ނިއުދިއްލީއާއި ބެންގަލޫރާއި ތިރުވަނަންތަޕޫރަމަށް ކުރައްވާ އެ ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ އިންޑިއާގެ ސަގާފަތާއި ތާރީހާ ބެހޭ މައުލޫމާތު އެއްކުރެއްވުމެވެ.
އަލީގަޅު ޔުނިވަސިޓީއަކީ ރާއްޖޭގެ ކުރީގެ ބައެއް ލީޑަރުން ކިޔަވައި ވިދާޅުވި ޔުނިވަސިޓީއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ އެ ޔުނިވަސިޓީގެ ދަރިވަރެކެވެ.