21 Feb 2011, 16:43
އައްޑޫ ސިޓީ އާއި ފޯއްމުލަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުން އެ ސަރަހައްދުގެ މީހުން ފެނަށް ޖެހި، އިމެޖެންސީކޮށް އެ ރަށްތަކަށް ފެން ފޯރުވައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އައްޑޫ ސިޓީ އަށް ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް މި ހަފްތާ އިން ފެށިގެން ކުރަމުން އަންނަނީ އެ ސިޓީގައި ގާއިމް ކޮށްފައިވާ އެ ސެންޓަރުގެ ފެން ޕްލާންޓްތަކުން ކަމަށެވެ. އަދި ފޯއްމުލަކަށް ވެސް ފެން ފޯރުކޮށްދެމުން އަންނަނީ އައްޑޫ ސިޓީގެ ޕްލާންޓްތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ކުޅީގެ ފެން ބޯފެނަށް ބަދަކުރާ ޕްލާންޓެއް އެކޮޅަށް ފޮނުވާފައިވާ ކަމަށާއި އެ ޕްލާންޓުން ވެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމުން އައްޑޫން ފެން ގެންނަން ނުޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އައްޑު އަށް އަޅުގަނޑުމެން ފެން ފޯރުކޮށްދެމުން މިދަނީ އެތާންގެ (އައްޑޫ)ގައި ހުންނަ ދުވާލަކު 130 ކިޔުބިކް މީޓާ ފެންއުފެއްދާ ޕްލާންޓަކުން. ހަމަ އެގޮތަށް ފޯއްމުލަކަށް ވެސް އެ ޕްލާންޓުން މި ފެން ފޯރުކޮށްދެނީ. މިހާރު އެކޮޅަށް (ފޯއްމުލަކު) އެބަފޮނުވަން ކުޅީގައި ހުންނަފެން ސާފުކުރާ ޕްލާންޓެއް. އޭރުން އައްޑޫން ދެން ފެން ގެންނާކަށް ނުޖެހޭނެ. އެކޮޅުގައި ތިއްބަވާ ސިފައިންގެ ބެލުމުގެ ދަށުން އެ ކަން ކުރިއަށް މިގެންދަނީ. އެބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބޭ އަޅުގަނޑުމެންނަށް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ފޯރުކޮށްދޭ ހިސާބުތަކުގައި ހުންނަ އާންމު ފެނތާގީތަކަށް ފެން އަޅައިދެނީ ހިލޭ ކަމަށެވެ. އެހެންނަމަވެސް އެނޫން ގޮތަކަށް ފެން ބޭނުންވާ ފަރާތްތަކަށް ފެން ފޯރުކޮށްދެމުން އަންނަނީ އެ ސަރަހައްދެއްގެ ޔުޓިލިޓީސް ކުންފުނިތަކުން ކަނޑައަޅާ ވަކި އަގަކަށް ފެން ވިއްކައިގެން ކަމަށެވެ. ނަމަވެސް މާލޭގައި ފެންވިއްކާ އަގަށް ވުރެ އަތޮޅުތަކުގައި ފެނުގެ އަގު ބޮޑުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުން (ރަށް ތަކުގެ ޔުޓިލިޓީސްތަކުން) އަގުތައް ކަނޑަ އަޅުއްވާނީ. އެހެންކަނޑައަޅުއްވާއިރު ވެސް މި ކޮޅުން އަންގާފައި އޮންނާނީ މާލޭން ވިއްކާ އަގަށް ވުރެ ބޮޑުކޮށްގެންނުވާނެ ކަމަށް. އަޅުގަނޑު ޔަގީންކަން ދެން އެއަށް ވުރެ ބޮޑެއް ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި ފެނުގެ ދަތިކަން ކުރިމަތިވާކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވެހިފައިވާ ވާރޭގެ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު ބޮޑުތަނުން މަދުވެފައިވާ ކަމަށާއި ފެންފޯރުކޮށް ދޭން ޖެހޭ މިންވަރު މިއަށްވުރެ ވެސް އިތުރު ކުރަންޖެހިދާނެ ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރު ފެން ފޯރުކޮށްދޭން ޖެހުނީ އެންމެ ހަ ރަށަކަށް ކަމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ވެސް 28 ރަށަށަށް ފެން ފޯރުކޮށްދޭން ޖެހިފައިވާ ކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ ފެން ފޮނުވުމުގައި ބޮޑަތި ހަރަދުތަކެއް ހިނގަނީ ދޯނި ފަހަރުގައި ރަށްރަށަށް ފެންފޮނުވަން ޖެހޭތީ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެން ޕްލާންޓްތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ބައެއް ރަށްރަށުގައި ސުނާމީގެ ފަހުން ބަހައްޓާފައި ހުރި ބައެއް ޕްލާންޓްތައް ހަލާކުވެފައި ހުރުމުން އެތަކެތި މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިސާސްޓާ މެނޭޖްމަންޓުން ފޯރުކޮށްދޭ ފެނަކީ ކްލޮރިން ކޮށްފައިވާ ސިއްހަތަށް ވަރަށް ރައްކާތެރި ފެނެއް ކަމަށެވެ. ޝާހިދު ވިދާޅުވީ ބައެއް ރަށްރަށުން ފެނުގައި ކްލޮރިން ރަހަ ލާކަމަށް ބުނެ އެކަމާ ޝަކުވާ ކުރާކަމަށެވެ. އެކަމަކު އެ ގޮތަށް ކްލޮރިނޭޓް ނުކޮށް އާންމު ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަކީ ރިސްކެއް ނެގުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ލ. އަދި ތ. އަތޮޅުގެ ރަށްތަކަށް ވެސް ޑިސާސްޓާ މެނޭޖް މަންޓުން ވަނީ ފެން ފޯރުކޮށްދީފަ އެވެ.