03 Apr 2015, 21:38
ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރުމުގެ ހުއްދައަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހޯމް މިނިސްޓަރު އުމަރު ނަސީރު އަރިހު އެދިއްޖެ އެވެ.
'ސަން'އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ކުއްތާތައް ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާނީ ހޯމް މިނިސްޓަރު އެކަމުގެ ހުއްދަ ދެއްވުމުން ކަމަށެވެ.
ކޮމިޝަނަރު ވިދާޅުވީ، ކުއްތާތައް ބޭނުންކުރުމުގެ ހުއްދަ ހޯމް މިނިސްޓަރު ދެއްވުމުން އެއަށް ޚާއްސަ ޔުނިފޯމެއް ތައްޔާރު ކުރެވޭނެ ކަމަށެވެ. އަދި ކުއްތާތަކުގެ މަސައްކަތު ފެންވަރު ބެލުމަށްފަހު މަގާމުގެ ކުރިއެރުން ވެސް ދޭނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
"ފާރަ ގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަގާމުގެ ކުރިއެރުން ވެސް ދެވޭނެ. ސާޖެންޓާ ހަމައަށް ރޭންކު މަތިކުރެވޭނެ، މަސައްކަތުގެ ފެންވަރު ބެލުމަށްފަހު،" ކޮމިޝަނަރު ވިދާޅުވި އެވެ.
ފާރަގެމައިގައި ބޭނުންކުރާ 16 ކުއްތާ ރާއްޖެއަށް ގެނެސްފައިވާއިރު ކޮމިޝަނަރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ކުއްތާތަކަށް ވަޒީފާގެ ތަމްރީނު ދިނުމުގެ މަސައްކަތް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓު އަމުރެއްގެ ދަށުން ގެތަކާއި އެކި ތަންތަން ބަލައި ފާސްކުރާއިރު ކުއްތާތައް ބޭނުންކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތް ހަލުވިވެ، ބޮޑެތި ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ފާރަގެމައިގައި ބޭނުންކުރާ 16 ކުއްތާއަށް ކިޔާނެ ނަންތައް ފާސްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ދިވެހި ބަހުގެ އެކަޑެމީގައި އެދިފައެވެ. އެހެންނަމަވެސް އަދި އެ އެކަޑެމީން އެކަމަށް ޖަވާބެއްދީފައެއް ނުވެއެވެ.