03 Apr 2015, 19:54
އެއްވުންތަކުގައި ބައިވެރިނުވާން ކުރި ޝަރުތައް އެއްބަސްނުވުމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މަހުލޫފް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑުތައް ފަޅާލި ކަމުގެ ތުހުމަތުގަ އެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، ކޯޓުން ނެރުނުވަގުތު މަހްލޫފުގެ އަނބިކަނބަލުން އައިސް އޭނާގެ ގައިގާ ބައްދައިގަތުމުން ފުލުހުން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނުމުން މަހްލޫފުވަނީ އެތަނުން ދުރަށް ދުއްވައިގެންފައެވެ. އަދި ފުލުހުން ގޮސް މަހުލޫފު ހިފެހެއްޓީ ހިލާލީގެ ކައިރިންނެވެ.
އެކަމާގުޅިގެން ފުލުހުން ބުނީ، "އަޙްމަދު މަހްލޫފް އާއި އޭނާގެ އަންހެނުން ބައްދައިގަނެގެން ތިއްބާ މަހުލޫފުގެ އަންހެނުން ދުރުކުރަން މަސައްކަތްކުރި އެއްވެސް ފުލުހަކު އަންހެނެއްގެ ކަރާމަތަށް އުނިކަން ލިބޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" ކަމަށެވެ.
ހަމައެހެންމެ، މަހުލޫފުގެ އަނބިކަނބަލުންނަށް އެއްވެސް އަނިޔާއެއް އެވަގުތު އެތަނުގައިތިބި ފްރަންޓްލައިން އެއްވެސް ފުލުހަކު ކޮށްފައެއް ނުވާނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުއްދަތު ޖެހުމަށްފަހު މެމްބަރު މަހްލޫފު މިއަދު ފުލުހުންގެ ވެހިކަލްގައި ގެންދަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
ފުލުހުން ބުނީ ބަންދުން ވީއްލެންދެން މަހުލޫފުގެ ހުރިހާ ކަމެއް ބެލެހެއްޓުމަކީ ފުލުހުންގެ ޤާނޫނީ ޒިންމާއެއް ކަމަށްވުމާއެކު މަހުލޫފް ހިލާލީގެއާ ދިމާއަށް ދުވެވަޑައިގެން ފިއްލަވަން މަސައްކަތް ކުރެއްވުމުން ފުލުހުން ވަނީ އޭނާ ހުއްޓުވާފައި ކަމަށެވެ. އަދި އެވަގުތު މަހުލޫފުގެ އަނބިކަނބަލުން އައިސް ފުލުހުންނަށް ހުރަސްއަޅަން މަސައްކަތްކޮށް މަހުލޫފް ގައިގާ ބައްދައިގަތުމުން މަހުލޫފުގެ އަނބިކަނބަލުން މަހްލޫފުގެ ގައިން ދުރު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވަނީ އެފަދަ ޙާލަތުގައި ބޭނުންކުރާ ހުނަރުތަކާ އުކުޅުތައް ބޭނުން ކޮށްގެން ކަމަށެވެ.
ބެރިކޭޑް ފަޅާލިކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ މަހުލޫފް ކޯޓަށް ގެންދިޔުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖެހި އެވެ. އޭގެފަހުން ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އެއްވުންތަކުގައި ބައިވެރިނުވުމަށް މަހުލޫފަށް މިރޭ ޝަރުތުކުރި އިރު އެފަދަ ޝަރުތުތައް ކުރުމުގައި އުސޫލީ މައްސަލަތަކެއް ހުރިކަމަށް ދެކޭތީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވަނީ އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސްފައެވެ.