03 Apr 2015, 19:45
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "މިނިވަން އުފާވެރި ހަވީރު" ގެ ނަމުގައި ފުލުހުން އިންތިޒާމްކޮށްގެން މިއަދު ހަވީރު ބޭއްވި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިޔަށްގެންދިޔަ މިނިވަން އުފާވެރި ހަވީރު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެވެ.

މިއަދު ބޭއްވި މިނިވަން އުފާވެރި ހަވީރުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުލުހުންނާއި ބައެއް މަދަނީ ޖަމާއަތްތަކާއި ރާއްޖޭގައި ހިންގާ ޔުނީފޯމް ހަރަކާތްތަތައް (ސްކައުޓް، ކެޑޭޓް، ގާލް ގައިޑް ފަދަ ހަރަކާތްތައް) ގުޅިގެން މާފަންނު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ބައިވެރިވެ، ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަ ކުރިއެވެ.

މިއަދު ބޭއްވި މިނިވަން އުފާވެރި ހަވީރުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިވަން ހަވީރުގައި ތަފާތު ކުޅިވަރުތަކާ މުނި ފޫހި ފިލުވުމުގެ ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދިޔައެވެ. އެހަރަކާތުގައި ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ތަފާތުސްޓޯލްތަކެއް ހުއްޓެވެ. ސްޓޯލްތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެފަރާތަކުން ބޭނުންނަމަ ބްލަޑް ޕްރެޝަރު ބެލުމާއި ހަކުރު ހުރި މިންވަރު ބެލުން ފަދަ ކަންތައްތައް ވެސް އޮތެވެ.

ބޮޑެތި މީހުންނަށް ހިންގި ޕްރޮގްރާމްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ތަފާތު ކުޅިވަރުތައް ކުޅުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުއްޓެވެ. އެގޮތުން އިންތިޒާމްކޮށްފައިވާ ކުޅިވަރުތަކުގެ ތެރޭގައި ތަފާތު ރޭސްތަކާ، ޕެނަލްޓީ ޝޫޓިންގ އާއި ބަބުލް ސޮކަރ އާއި ސްނެކް އެންޑް ލެޑަރ އާއި ފޭސް ޕެއިންޓިންގ ފަދަ ތަފާތު ކުޅިވަރުތައް ހިމެނެއެވެ.

މިއަދު ބޭއްވި މިނިވަން އުފާވެރި ހަވީރުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަވީރުގައި އޮތް ކުޅިވަރުތަކުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ޚާއްޞަ އިނާމެއް ވެސް ވަނީ ދީފައެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.