އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ މާޗުމަހު "ބާކްލޭސް"އިން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު، އާސެނަލްގެ ކޯޗް އާސެން ވެންގާއަށް އަދި އެ މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އާސެނަލްގެ ފޯވާޑް އޮލިވިއާ ޖިރޫއަށް ލިބިއްޖެއެވެ.

މިއީ އުރުމުން 65 އަހަރުގެ ފްރާންސް ކޯޗު ވެންގާ އާސެނަލްގައި ހޭދަކުރި 19 އަހަރު ދުވަހުގެ ތެރޭގައި މި އެވޯޑް ހާސިލްކުރި 14 ވަނަ ފަހަރެވެ.

ޕްރިމިއަ ލީގުގައި މިދިޔަ މަހު އާސެނަލްވަނީ، ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ އިދިކޮޅު ޓީމުތަކުގެ ގޯލަށް ނުވަލަނޑު ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ލީގުގައި މިދިޔަ މަހު އެޓީމުގެ ގޯލަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.

އާސެނަލްގެ ފްރާންސް ފޯވާޑް ޖިރޫ ވަނީ، މިދިޔަ މަހު އޭނާ ކުޅުނު މެޗުތަކުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު، އަދި އެވަޓަން، ކިއުޕީއާރު، ވެސްޓްހެމް މިއިން ކޮންމެ ޓީމެއްގެ ގޯލަށް ލަނޑެއް ޖަހާފައިވެއެވެ.

ޕްރިމިއަ ލީގުގައި މިވަގުތު އާސެނަލް އޮތީ 60 ޕޮއިންޓާއެކު ތިން ވަނައިގައެވެ. ތާވަލްގެ އެއް ވަނައިގައި އޮތް ޗެލްސީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، އެޓީމަށްވުރެ ހަތްޕޮއިންޓު ފަހަތުގައި އޮތް އާސެނަލަށް ލީގުގައި ބާކީ ދެން އޮތީ އަށް މެޗެވެ.

ޕްރިމިއަ ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ 54 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށެވެ.

އާސެނަލަށް މި ސީޒަންގެ ޕްރިމިއަ ލީގުގައި ބާކީ ހުރި މެޗުތަކަށް ބަލާއިރު، މި މަހު 26ގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗާއި އަންނަ މޭ މަހުގެ 17ގައި އޯލްޑް ޓްރަފޯޑްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ މެޗު ފާހަގަކޮށްލެވެއެވެ.