03 Apr 2015, 17:08
މިދިޔަ މާޗު މަހު ފަރަންސޭސިވިލާތުގެ ދެކުނުގެ އަލްޕްސް ފަރުބަދަ ތަކުގެ މައްޗަށް ވެއްޓުނު ޖަރުމަނުގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޖާމަންވިންގްސްގެ މަތިންދާ ބޯޓު ވައްޓާލާފައި ވަނީ އެބޯޓުގެ ކޯޕައިލެޓް އަންދުރޭ ލޫބިޒް ގަސްދުގައިކަން ބޯޓުގެ ދެވަނަ ކަޅުފޮށިން ލިބުނު މައުލޫމާތުތަކުން ޔަގީންކުރެވިފައިވާ ކަމަށް ތަހުގީގުޓީމުން ބުނެފި އެވެ.
މަތިންދާބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާ ތަހުގީގުކުރަމުންދާ ފްރާންސްގެ ޓީމުން ބުނީ، 150 މީހުން މަރުވާން މެދުވެރިވި އެހާދިސާގައި އަލްޕްސް ފަރުބަދަތަކުގެ މައްޗަށް ބޯޓު ވައްޓައިލުމުގެ ކުރިން ކޯޕައިލެޓް ވަނީ ތަކުރާރުކޮށް ބޯޓުގެ ދުވެލި ބާރުކޮށް ފަރުވަދަތަކާ ދިމާއަށް ދަތުރުކޮށްފައި ކަމަށެވެ.
ފްރާންސްގެ ބީއީއޭ އިންވެސްޓިގޭޓަރުންގެ ބަޔާނަކާ ހަވާލާދީ، ޓެލެގްރާފް ނޫސް ބުނީ، ބޯޓް ވެއްޓުމުގެ ކުރިން ސެޓިންގްތައް ބަދަލުކޮށް ދުވެލި ވަރަށް ބޮޑަށް ބާރުކޮށްފައިވާ ކަމަށެވެ.
"ފުރަތަމަ ރީޑިން ދައްކާގޮތުން ކޮކްޕިޓްގައި އިން ޕައިލެޓް [ލޫބިޒް] ވަނީ، ބޯޓު 100 ފުޓަށް ތިރިކުރުމަށް އޮޓޮމެޓިކް ޕައިލެޓް ބޭނުންކޮށްފައި. ދެން ބޯޓު ތިރިވަމުން އައިއިރު އެތައްފަހަރަކު އޮޓޮމެޓިކް ސެޓިންގްސް ބޭނުންކޮށް ބޯޓުގެ ދުވެލި ބާރުކުރަމުން ގޮސްފައި ވަނީ،" ބީއީއޭ އިން ބުންޏެވެ.
ސްޕޭންގެ ބާސެލޯނާއިން ފުރައިގެން ޖަރުމަނުގެ ޑަސެލްޑޯފަށް ދަތުރުކުރަނިކޮށް އަލްޕްސް ފަރުބަދަތަކަށް ވައްޓާލި ފްލައިޓް ނަންބަރު 4 ޔޫ 9525ގެ ދެވަނަ ކަޅުފޮށި ފެނިފައި ވަނީ، އެ ހާދިސާ ހިނދިތާ 9 ދުވަސް ފަހުންނެވެ. އަދި އެ ކަޅުފޮށީގައި ރެކޯޑްކުރެވިފައިހުރި މައުލޫމާތުތައް ހާމަކޮށްފައި މިވަނީ އޭގެ ދެދުވަސް ފަހުންނެވެ.
އަރަބި ނުވަތަސް މުސްލިމް ނަމެއް ކިޔާމީހެއްގެ ފަރާތުން މެދުވެރިވި ހާދިސާއެއް ނަމަ، ވަގުތުން އެއީ "ޓެރަރިސްޓް" ހަމަލާއެއްގެ ގޮތުގައި ބައިނަލްއަގްވާމީ މީޑިއާތަކުން ސިފަކުރާނެ ފަދަ ހިތާމަވެރި މި ހާދިސާ ހިންގި ލޫބިޒްއާ ބެހޭގޮތުން ވިލާތުގެ މީޑިއާތަކުން ބުނަނީ، އެ ހާދިސާ ހިންގިއިރު އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަމަށެވެ.