03 Apr 2015, 14:44
ނައިރޫބީ (އެޕްރީލް 3): ސޮމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައްޝަބާބް މޫމެންޓުން ކެންޔާގެ ގަރީސާ ޔުނިވާސިޓީއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު 147އަށް އަރައިފިއެވެ.
ކެންޔާގެ އިރު އުތުރުގައި ހުންނަ ގަރީސާ ޔުނިވާސިޓީއަށް ވަދެ ގިނަ އަދަދެއްގެ ކިޔަވާކުދިން ރަހީނުކޮށް އެންމެފަހުން އެމީހުންގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ޖަރީމާ ހިންގީ ސޮމާލިޔާގެ އައްޝަބާބް މޫމެންޓަށް ނިސްބަތްވާ ހަތަރު ހަނގުރާމަވެރިން ކަމަށާއި އެމީހުން މަރާލެވިފައިވާ ކަމަށް ކެންޔާގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.
ކެންޔާގެ ދާޚިލީ ވުޒަރާ ބުނިގޮތުގައި މިޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު މައްޗަށް ގޮސްފައިވަނީ ގަރީސާ ޔުނިވާސިޓީއަށް ހަތިޔާރާއެކު ވަދެގަތް ހަނގުރާމަވެރިން، އެތަނުގެ ކިޔަވާކުދިންނާއި މުވައްޒަފުންގެ ގަޔަށް ގަސްދުގައި ބަޑިޖަހައި މީހުން މެރުމުގެ ސަބަބުންނެވެ. މިހަމަލާތަކުގައި 79 މީހުން ޒަޚަމް ވެފައިވާއިރު އެމީހުންވަނީ އެކި ހޮސްޕިޓަލްތަކަށް ގެންގޮސް އެނދުމަތިކޮށްފައެވެ.
ޒަޚަމްވީ މީހުންގެ ތެރޭގައިވެސް ފުރާނައަށް ނުރައްކާވާ މިންވަރަށް ޒަޚަމްވެފައިވާ މީހުން ތިބިކަމަށާއި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ކެންޔާގެ ސިއްޙަތާބެހޭ މަސްއޫލުވެރިން ހާމަކުރެއްވިއެވެ. (ރޮއިޓާސް)