ތެހެރާން (އެޕްރީލް 3): އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު އެއްބަސްވި ނިއުކްލިއަ އެއްބަސްވުމަށް ދުނިޔޭގެ ގައުމުތަކާއި އދ. އާއި ބައިނަލްއަގްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން މަރްޙަބާ ކިޔަމުން އެބަގެންދެއެވެ.

ބުރަ އަދި އުނދަގޫ ވާހަކަ ތަކަކަށްފަހު އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލުކުރުމަށް އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް އެއްބަސްވުމަކަށް އައުމާއެކު ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން މިކަން ސިފަކުރައްވާފައިވަނީ އާދަޔާ ޚިލާފު ތާރީޚީ ކަމެއްގެ އިތުރުން ދުނިޔޭގެ އަމަނާއި ސުލްޙައަށް ޓަކައި އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައެވެ.

ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ، މިއީ ތާރީޚީ އެއްބަސްވުމެއް ކަމަށާއި މިއެއްބަސްވުމުގެ ސަބަބުން އީރާނާއި ބައިނަލްއަގްވާމީ މުޖްތަމާދެމެދު މުޅިން އައު ސަފްޙާއެއް ހުޅުވިގެން ހިނގައްޖެ ކަމުގައެވެ.

އީރާނާއި ދުނިޔޭގެ ބާރުތަކުގެ އެއްބަސްވުމަށް މަރްހަބާ ކީ ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑު ފަސް ބާރުގެ އިތުރުން ޔޫރަޕްގެ ގައުމުތަކާއި ޖަޕާން، އިންޑިޔާ، ތުުރުކީ، އަލްޖަޒާއިރު ކިޔުބާ، ދެކުނު އެފްރިކާ އަދި ބްރަޒީލް ފަދަ އެތަށް ގައުމެއް ހިމެނެއެވެ. މީގެއިތުުރުން އދ. އާއި ޔޫރަޕްގެ އިއްތިޙާދުފަދަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ވަނީ މިއެއްބަސްވުމަށް މަރްޙަބާ ކިޔާފައެވެ.

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސްވިޒަލޭންޑްގެ ލައުޒާންގައި ކުރިޔަށްދިޔަ ނިއުކްލިއަ ވާހަކަތައް ކާމިޔާބުވެ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާބެހޭ މައިގަނޑު ހުރިހާ މައްސަލަތަކެއް ޙައްލުކުރެވިއްޖެކަން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އާއި އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފް އިއްޔެވަނީ އިޢްލާން ކުރައްވާފައެވެ.

އެއްބަސްވުމަކަށް އާދެވިފައިވަނީ އީރާނުގެ ނިއުކްލިއަ މައްސަލައާބެހޭ ފްރޭމްވޯކް އެއްބަސްވުމަކަށް ކަމަށް ކަމަށް ވެއެވެ. މިކަމާބެހޭ އެންމެފަހުގެ އަދި އެންމެ ފުރިހަމަ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 30 ގައި ކަމަށާއި މިއެއްބަސްވުން އދ.ގެ ސަލާމަތީ މަޖިލީހުން ތަސްދީގު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކެރީ އާއި ޖަވާދު ޒަރީފް ވިދާޅުވިއެވެ.

އިއްޔެ އެއްބަސްވި ފްރޭމްވާކް އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ނައްތާލުމާއި އީރާނުން ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންކުރާ މެޝިންތަކުގެ އަދަދު 19 ހާސް މެޝިނުން 6 ހާސް މެޝިނަށް ދަށްކުރުން ހިމެނެއެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، މިއީ ތާރީޚީ އެއްބަސްވުމެއް ކަމަށާއި އީރާނުން ނިއުކްލިއަ ހަތިޔާރު އުފައްދާނެ ކަމުގެ ބިރު މިއެއްބަސްވުމުގެ ދަށުން ނެތިގެންދާއިރު އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ މާލީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތާލައި އިގްތިސާދީ ބޮޑު ތަނަވަސްކަމެއް ޙާސިލްކުރުމުގެ ފުރްސަތު އީރާނަށް ލިބިގެންދާނެކަމުގައެވެ.

އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީވެސް ވަނީ މިފްރޭމްވޯކް އެއްބަސްވުމަށް ވަރަށް މަރްޙަބާ ވިދާޅުވެފައެވެ. އަދި މިއީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓާނުލައި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ފުރްސަތު އީރާނަށް ލިބިގެންދާނެ ފައިދާބޮޑު އެއްބަސްވުމެއް ކަމަށްވެސް ޑރ. ރޫޙާނީ ސިފަކުރެއްވިއެވެ.

ނިއުކްލިއަ މައްސަލާގައި އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ މާލީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ނައްތާލިނަމަވެސް އަސްކަރީ ގޮތުންނާއި ހަތިޔާރުގެ ގޮތުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 30 ސޮއިކުރުމަށް ހަމަޖެހިފައިވާ އެންމެފަހުގެ އެއްބަސްވުމުގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ. (ނޫސްއެޖެންސީތައް)