21 Feb 2011, 16:08
މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް ފަހު އިދާރީ ގޮތުން އެ މައްސަލަ ބޭރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހައި ކޯޓަށް ވައްދައިފި އެވެ.
ހައި ކޯޓުގައި އެ މައްސަލަ ހުށަހަޅުއްވަމުން ޕީޖީ އޮފީހުގެ ވަކީލު މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވީ އެ މައްސަލައަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ އަބްދުއްރަސޫލުހާން އަބްދުއްމުއްތަލިފު ރާއްޖެ އަށް ރެސްޓްރިކްޓެޑް [ހިފައްޓާފައި] ޑްރަގެއް ކަމަށްވާ ކެޓަމިން އެތެރެ ކުރި މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ.ގެ ދަށުން ދައުވާ ކުރުމަށް އެދި ހުށަހެޅުމުން އެންމެ ފުރަތަމަ ކޯޓުން އެ މައްސަލަ ބަލައިގަން ކަމަށް ވަކީލު ވިދާޅުވި އެވެ. ނަމަވެސް މައްސަލަ ހުށަހަޅާފައިވާ ގޮތުން ކަމަށް ބުނެ އަޑުއެހުމެއް، ދައުވާ ހުށަހެޅުމަށް ފުރުސަތެއް ނުދީ އިދާރީ ގޮތުން ސިޓީއަކުން އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ މައްސަލައެއް ކޯޓަށް ވައްދައިފި ނަމަ އެ މައްސަލައެއްގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި ސިޓީއަކުން މައްސަލައާ މެދު ގޮތެއް ނުނިންމޭނެ ކަމަށް މީގެ ކުރިން ހައި ކޯޓުން ނިންމި މައްސަލައެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޖިނާއީ ދައުވާ ހުށަހަޅަން ޖެހޭނެ ވަކި ގޮތެއް ބަޔާންކޮށްފައިނުވާއިރު މިފަދައިން ދައުވާތައް ބޭރު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ އެހެން ނިންމުމެއްގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ މަސްތުވާތަކެތީގެ މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައި މި ވަނީ ހައި ކޯޓުގެ ދެ ނިންމުމަކާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އެހެންކަމުން ދަށު ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލެއް ބަޔާންކޮށް ހައި ކޯޓުން ހުކުމެއް ކޮށްދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
މި މައްސަލައިގައި ހައި ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޔޫސުފް ހުސެއިން މި މައްސަލައިގެ އަޑުއެހުން ނިންމާލެއްވީ މައްސަލަ ދިރާސާ ކުރުމުގައި ކަމެއް ސާފު ކުރަން ނުޖެހިއްޖެ ނަމަ ދެން މައްސަލަ ބާއްވާނީ ހުކުމް ކުރުމަށް ކަމަށެވެ.