03 Apr 2015, 14:33
ރިޔާޒް (އެޕްރީލް 3): އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލުކުރުމަށް އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް އެއްބަސްވި ތާރީޚީ އެއްބަސްވުމާއެކު އީރާނާ ވާދަވެރި ގަލްފުގެ އަރަބި ގައުމުތައް ހިމޭންކަން އިޚްތިޔާރުކޮށްފިއެވެ.
ނިއުކްލިއަ މައްސަލައިގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް އެއްބަސްވި އެއްބަސްވުމާބެހޭ ޚަބަރު ބައިނަލްއަގްވާމީ މީޑީޔާތަކުގެ ސުރުޚީގެ އެންމެ ކުރިޔަށް އަރާފައިވާއިރު ގަލްފުގެ އަރަބި ގައުމުތަކުގެ މީޑީޔާއިން އެޚަބަރު ގެނެސްދީފައިވަނީ އެންމެ ފަހުގެ ޚަބަރެއްގެ ގޮތުގައެވެ. މިއީ މިއެއްބަސްވުމާގުޅިގެން އީރާނާއި އެމެރިކާގެ ގުޅުންތައް ރަނގަނޅުވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެތިގެންދާނެތީ ގަލްފުގެ ގައުމުތައް ހިތްހަމަ ނުޖެހޭ ކަމުގެ އިޝާރާތެއް ކަމަށް މުރާސިލުން ބުނެއެވެ.
ގަލްފުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ، އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް އެއްބަސްވި އެއްބަސްވުމަށް ރައްދުދޭނީ ގަލްފު ކޯޕަރޭޝަން ކައުންސިލުން ކަމުގައެވެ.
ވޮޝިންޓަންގައި ހުންނަވާ ސައޫދީ، ސަފީރު ޢާދިލް އަލްޖުބައިރު ވިދާޅުވީ އީރާނުގެ ނިއުކްލިއަ އެއްބަސްވުމާބެހޭގޮތުން ސައޫދީ ސަރުކާރުން އެއްޗެއް ބުނާނީ އެއެއްބަސްވުމުގައި ހިމެނޭ ބައިތައް ބަލައި ދިރާސާ ކުރުމަށްފަހުގައި ކަމުގައެވެ.
އީރާނާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން މިހާތަނަށް ރޭވި ހުރިހާ ސިޔާސަތުތަކެއްވަނީ އޭގެ ނަތީޖާތައް މުޅިން އިދިކޮޅަށް ނުކުމެފައެވެ. މިގޮތުން 1980 ވަނަ އަހަރު ގަލްފުގެ ގައުމުތައް އަޑީގައި ތިބެގެން އެގައުމުތަކުގެ މާލީ އެހީއާއެކު އިރާގު މެދުވެރިކޮށް އީރާނާ ދެކޮޅަށް ކުރި ދިގުލީ ހަނގުރާމައިންވެސް އީރާނުގެ ވެރިކަމުގެ ނިޒާމު ގުޑުވައިލެވިފައިނުވާއިރު އެހަނގުރާމައިގެ ޚަރަދުތަކުގެ މައްސަލައިގައި އިރާގާއި ގަލްފުގެ އަރަބި ގައުމުތަކާދެމެދު ޖެހުނު މައްސަލަތަކާގުޅިގެން އިރާގުން ކުވައިތަށް އަރައިގަނެ ހިންގި ޖަރީމާތަކާއެކު އެކަން އެންމެފަހުން ނިމިގެން ދިޔައީ ގަލްފުގެ އެހިތެރިކަމާއެކު އެމެރިކާ ސިފައިން އިރާގަށް އަރައި ސައްދާމް ޙުސައިންގެ ސަރުކާރު ވައްޓާލައި އިރާގު އަޅުވެތިކުރުމުންނެވެ.
މިއާއެކު އިރާގުގައި ޝިޔައީންގެ ވެރިކަމެއް އުފެދި އިރާގުވަނީ އީރާނުގެ ބާރާއި ނުފޫޒުގެ ދަށަށް ވެއްޓިފައެވެ. އަދި އީރާނުގެ ބައިވެރިއެއް ކަމަށްވާ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކަށް ގަލްފުގެ ގައުމުތަކުން ވީ އެހީތަކާއެކުވެސް ބައްޝާރުގެ ވެރިކަން ނުވެއްޓި ސޫރިޔާވަނީ މުޅިން ވީރާނާވެ ދެވަނަ ބޮޑުހަނގުރާމައަށްފަހު ގައުމެއްގެ ރައްޔިތަކަށް ނުޖެހޭފަދަ ނިކަމެތި ހާލަތެއްޖެހި އެގައުމުގެ މުޅި ރައްޔިތުން ބިކަވެގެން ގޮސްފައެވެ. އަދި ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީން އަސްކަރީ ގޮތުންވަނުމާއެކު އެކަމުގެ ނަތީޖާވެސް ދާނެގޮތެއްވަނީ ނޭންގުމެއްގެ ތެރޭގައެވެ.
ހުޅަނގުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާނުން ނިއުކްލިއަ ޓެކްނޮލޮޖީއާއި ފަޒާއާއި ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީކޮށް ސަރަހައްދުގައި ބާރުގަދަ ގައުމެއްގެ ގޮތުގައި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވަމުންދާއިރު ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ ހުޅަނގުގެ ފިއްތުންތަކުން ސަލާމަތްވެގެންވާ ގައުމަކަށް އީރާން ބަދަލުވުމުން ޓެކްނޮލޮޖީގެ އިތުރުން އިގްތިސާދީ ގޮތުންވެސް ބާރުގަދަ ގައުމަކަށް އީރާން ވެގެންދާނެތީ އީރާނުގެ ބާރާއި ނުފޫޒު އިތުރަށް ވަރުގަދަވެދާނެ ކަމުގެ ބިރު ގަލްފުގެ އަރަބި ގައުމުތައް ވަރަށް ބޮޑަށް އިޙްސާސް ކުރަމުން ދާކަމަށް މުޙައްލިލުން ދެކެއެވެ.
ގަލްފުގެ މަސްއޫލުވެރިއަކުވަނީ ދެން ގަލްފުގެ ގައުމުތަކަށް "ނިދަން ނުތިބެވޭނެ" ކަމަށް ވިދާޅުވެ ޓެކްނޮލޮޖީގެ ރޮނގުގައި އީރާނާ ފައިހަމަ ކުރުމަށް ސައޫދީ އަރަބިޔާއަށާއި ގަލްފުގެ އެހެން ގައުމުތަކަށް ގޮވާލައްވާފައެވެ.
އިސްރާއީލުންވަނީ އީރާނުގެ ނިއުކްލިއަ އެއްބަސްވުމަކީ އެގައުމުގެ ވުޖޫދަށް ހުރި ނުރައްކަލެއް ކަމަށް ސިފަކޮށްފައެވެ. (އަލްޖަޒީރާ)