03 Apr 2015, 11:14
ސޫރިޔާގައި ހަނގުރާމަކުރާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާއިން ދޭ ވައިގެ ހަމަލާތަކުގައި ކްލޮރިން ގޭސް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު)އިން އަދިވެސް އެމައްސަލަ ބަލަން ފަށާފައި ނުވާކަމަށް ވިދާޅުވެ އދ.ގެ ޑިސްއާރމްމެންޓް ޗީފް އެންޖެލާ ކޭން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކޭން މިގޮތަށް ވާހަފުޅުދައްކަވާފައި މިވަނީ، ސޫރިޔާ ހަނގުރާމައިގައި ހަތިޔާރުގެ ގޮތުގައި ކްލޮރިން ގޭސް ބޭނުންކުރަމުން ގެންދާކަމަށް އެންމެ ފަހުން ކުރެވިފައިވާ ތުހުމަތުތައް ތަހުގީގުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އޯޕީސީޑަބްލިއުއަށް ގޮވާލާފައި ވަނިކޮށެވެ.
ސަލާމަތީ މަޖިލީހުގެ މިހާރުގެ ރައީސް އުރުދުންގެ އެމްބެސެޑަރު ދީނާ ކަވާރު ބުރާސްފަތި ދުވަހު، މީޑީއާތަކަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސޫރިޔާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކުން އެގައުމުގެ ހުޅަނގުއުތުރު ޕްރޮވިންސެއް ކަމަށްވާ އިދްލީބުގައި ދޭ ބޮމުގެ ހަމަލާތަކުގައި ކްލޮރިންގޭސް ބޭނުންކުރާކަމަށް ކުރެވޭ ތުހުމަތުތައް، އޯޕީސީޑަބްލިއުއިން އަދިވެސް ބަލަން ފަށާފައި ނުވާތީ ސަލާމަތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ.
މިދިޔަ މާޗުމަހު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ، ސޫރިޔާ ހަނގުރާމައިގައި ވިހަގަދަ ކެމިކަލްތައް ބޭނުން ކުރާނަމަ ހަމަނުޖެހުންތައް އިތުރުވުމުގެ ބިރު އޮތްކަމަށާއި ހަމަލާތަކުގައި ވިހަގަދަ ކެމިކަލްތައް ބޭނުން ނުކުރުމަށް އެގައުމުގެސަލާމަތީ ބާރުތަކަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.
ސޫރިޔާގެ އަސްކަރިއްޔާއިން ހަނގުރާމަވެރިންނާ ދެކޮޅަށް ދޭ ހަމަލާތަކުގައި ވިހަގަދަ ކެމިކަލްތައް ބޭނުންކުރާތީ އޭގެ ނުރައްކާތެރިކަން އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވާކަމަށް ބުނެ އެގައުމުގެ އިދިކޮޅުފަރާތްތަކުން ވަނީ އެމައްސަލަ ބަލައިދިނުމަށް ގޮވާލައިފައެވެ. – (އޭޕީ، އަލް އަރަބިއާ)