ގާނޫނުގެ މައްޗަށް ގާނޫނު ފާސްކުރިޔަސް އެމްޑީޕީގެ ރައީސަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން" މި ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރިޔަސް އެމްޑީޕީގެ ރައީސަކީ ނަޝީދު ކަމަށް އެ ޕާޓީގެ މެމްބަރުން ބަލައިގަންނާނެ ކަމަށެވެ.

"ގާނޫނުގެ މައްޗަށް ގާނޫނު ފާސްކުރެއްވިޔަސް އެމްޑީޕީގެ ރައީސަކީ ރައީސް މުހައްމަދު ނަޝީދު. ރައީސް މުހައްމަދު ނަޝީދު. އެއީ އެމްޑީޕީގެ ރައީސް. އަޅުގަނޑުމެން ތިބޭނީ އެގޮތުގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމަނިކުފާނު މިނިވަން ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވީ މަޖިލީހުން މިހާރު ގާނޫނުތައް ފާސްކުރަމުން ދަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެފަދަ މަޖިލީހަކުން ފާސްކުރާ ގާނޫނެއް ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

"ހީފުޅުކުރައްވަނީތޯ ގާނޫނު އަސާސީއާ މީހުން ގަބޫލުކުރާ ހުރިހާ އުސޫލެއް ފަހަނައަޅައިގޮސް ހަޅޭފަޅޭ ލަވަމުންދާ މަޖިލީހެއްގައި ގާނޫނެއް ފާސްކުރީމަ އެ ގަބޫލުކުރާނެ ބަޔަކު މިރާއްޖޭގައި ތިބޭނެއޭ. ނުތިބޭނެ،" ޝާހިދު ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމަށް ޝަރީއަތް ހިންގި ގޮތް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ ޕްރިންސް ޒައިދު ބަޔާނެއް ނެރުއްވާފައިވާ ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ބޭރު ދުނިޔޭގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ސަރުކާރުން ބުނަމުން ދާ ވާހަކަ ގަބޫލުފުޅު ނުކުރެވޭ ކަމަށެވެ.

"ސަރުކާރުން ވިދާޅުވަނީ ޕްރެޝަރެއް ނެތޭ. ޕްރެޝަރެއް ނުހުންނާނެ ނޫންތޯ އިހްސާސް ނުކުރެވެންޏާ،" ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުން އެދެމުން ދަނީ އަދުލަށް ހުކުމް ކުރުމަށް ކަމަށާއި ފަނޑިޔާރުން މިއަދު އަމަލުކުރަމުންދާ ގޮތާމެދު ޖަވާބުދާރީވާނެ ދުވަހެއް އެބަ އަންނަ ކަމަށް ވިދާޅުވެ ޝާހިދު ވަނީ މިރޭގެ ޖަލްސާގައި ފަނޑިޔާރުންނަށް ފާޑު ވިދާޅުވެފަ އެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުން ދައްކަމުން ގެންދަނީ އެ ވާހަކަ. ތިމަންމެންނަށް އެބަފެނެއޭ ފަނޑިޔާރު މަނިކުފާނުގެ ފަހަތްޕުޅުގައި ލިޔެފައިވާ ލިޔުން. އެގޮތަށް ޝަރީއަތް ކުރައްވާށޭ. ފަނޑިޔާރު މަނިކުފާނު ވިދާޅުވާ ކަހަލަ އެހެރީ ތިމަންނަގެ ފަހަތުގައޭ. ތިމަންނަގެ ފުއްކިބައިގަ ލޮލެއް ނެތޭ. ތިމަންނައަކަށް އެއެއް ނުފެނޭ. ދަންނަވަންތޯ ވާހަކައެއް އެ ފެނިވަޑައިގަންނަވަން ޖެހޭ. އެ ފެނިވަޑައިގަންނަވާނެކަން އެބައޮތް އަންގަވާފަ. ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މިއަދު ތިޔަ ދައްކަވާ އެކިއެކި ބަހަނާތަކަށް ޖަވާބުދާރީވެވަޑައި ގަންނަވަންޖެހޭ ދުވަހެއް އެބައާދޭ،" ޝާހިދު ވިދާޅުވި އެވެ.

ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މިދިޔަ މަހުގެ 30 ގައި ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ވަގުތުން ފެށިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ގެއްލޭނެ އެވެ. އެހެންކަމުން އެވަގުތުން ފެށިގެން އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ހުސްވެގެންދާނެ އެވެ.