ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްގެންދާ މެރިން ޑައިވް ފެއާގައި ރާއްޖޭގެ ފަސް ފަރާތަކުން ބައިވެރިވެއްޖެ އެވެ.

މި އަހަރު އެ ފެއާ ބާއްވަނީ، އޭޝިއާ ސަރަހައްދުގައި ހުރި ރިސޯޓުތަކާއި އެ ރިސޯޓުތަކުގެ ޑައިވް ސެންޓަރުތައް އިޝްތިހާރުކުރުމަށެވެ. މިއީ އެ ފެއާ ބާއްވާތާ 22 ވަނަ ފަހަރެވެ.

އެ ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްއާއެކު ބައިވެރިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތައް ކަމުގައިވާ ސަން ސިޔާމް ރިސޯޓްސް އާއި ބަނޑޮސް އައިލެންޑް ރިސޯޓާއި ބަތަލާ އައިލެންޑް ރިސޯޓާއި ސަމާ އައިލެންޑް މޯލްޑިވްސް އެވެ.

ގިނަ ކުންފުނިތަކެއް ބައިވެރިވާ އެ ފެއާއަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. އެގޮތުން ޖުމްލަ 200 ބައިވެރިންނާ އެކު މިދިޔަ އަހަރު ކުރިއަށްގެންދިޔަ ތިން ދުވަހުގެ ފެއާއަށް ޖުމްލަ 51،598 މީހުން ޒިޔާރަތްކުރި އެވެ. ޑައިވް ސެންޓަރުތަކާ ރިސޯޓުތަކަށް ހާއްސަ އެ ފެއާއަށް މިއަހަރު ވެސް އެ އަދަދަށް މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފެއާ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މިދިޔަ އަހަރު ޖަޕާނުން ރާއްޖެއަށް ޖުމްލަ 38817 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީން ބުނީ ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއަށްވުރެ އިތުރު ކުރުމަށް ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއެކު ކަންތައްތަކެއް މިއަހަރު ތެރޭގައި ރާވާފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު ކުރިއަށްގެންދަން ނިންމާފައިވާ "ޖާޓާ ފެއާ 2015" ގައި ބައިވެރިވުމާއި ޖަޕަނީސް މީޑިއާ އެފްއޭއެމް ޓްރިޕް ހޯސްޓުކުރުން ހިމެނޭ ކަމަށެވެ.