ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން ބުނެފި އެވެ.

އޯޓިޒަމަށް ހޭލުންތެރިކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ސަރުކާރުން ގިނަ ނިންމުންތަކެއް ނިންމާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއް ކަމަށެވެ. އެގޮތުން އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މިގޮތުން އޯޓިޒަމް ހުންނަ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައި،" މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ސަރުކާރާއި ޖަމިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މުޅި މުޖުތަމައު އެކަތިގަނޑަކަށް ވެގެން ނޫނީ އެފަރާތްތަކަށް ފުރިހަމަ އަޅާލުމާ ލޯބި ނުލިބޭނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާންމު ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިކޮށްދީ ހިތްވަރުދީ އެކަން ކުރިއެރުވުމަކީ އެންމެންގެ ޒިންމާއަކަށް ހެދުމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ވަނީ ގޮވާލައްވާފަ އެވެ.